ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް، އެ އަތޮޅުގައި 4,000 ޓޫރިސްޓް އެނދު ތަރައްގީކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިޞަލް މިހެން ވިދާޅުވީ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު ސުވާލުކުރެއްވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް، ހދ.އަތޮޅުގައި ޓޫރިސްޓް އެނދު އިތުރުކުރަން މި ސަރުކާރުން ރާވައިފައިވޭތޯއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ހދ.އަތޮޅުގައި މިހާރު ރަޖިސްޓްރީކޮށްފައިވަނީ 460 އެނދު ކަމަށާއި، އިތުރު 1,886 އެނދު ތަރައްގީކުރުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެއާޕޯޓް ނިމެންވާއިރަށް 4,000 ވަރަކަށް އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަނިމާދުއަށް އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެތަނުގެ ކަނެކްޓިވިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމަ އެއާޕޯޓް ނިމެންވާއިރަށް އެ ތަނަށް 4،000 ވަރަކަށް އެނދު ގެނައުމުގެ މަސައްކަތް މި ދަނީ ކުރަމުން.
މިނިސްޓަރު ވިދާޅުވީ ހދ.އަތޮޅުގައި ރިސޯޓު ތަރައްގީ ކުރެވިދާނެ ރަށްތައް ފާހަގަކޮށް، އެ ރަށްތަކުގެ މައުލޫމާތު ވެސް އިންވެސްޓަރުންނާ ހިއްސާކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަނިމާދޫގެ އެއާޕޯޓު ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާޗުމަހުގައެވެ.