ޔަހޫދީ އިޒްރޭލުން ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި 150 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިރުވި ގަޑިތަކުގެ ތެރޭގައި ޔަހޫދީން ޖަބަލިއްޔާ ރެފިއުޖީ ކޭމްޕުގެ މީހުން ދިރިއުޅޭ 10 އިމާރާތަކަށް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި އިމާރާތްތައް ބިމާހަމަވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ޝަހީދުވެފައިވެއެވެ. ނަމަވެސް ޝަހީދުވި މީހުންގެ ތަފްސީލު އަދަދެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި, ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް އެ ސަރަހައްދަށް ދިއުމަށް މެޑިކަލް ޓީމްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

