ޔަހޫދީ އިޒްރޭލާ ދެކޮޅަށް ލުބުނާނުގެ ހިޒްބުالله އިން ކުރަމުންގެންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކޮށް ޔަހޫދީން ހިފާފައިވާ ބިންތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު ހިޒްބުالله އިން ދީފިއެވެ.
ހިޒްބުالله އިން ނެރުނު ވީޑިއޯ ބަޔާނެއްގައި ވަނީ އިޒްރޭލުގެ އުތުރުގެ 25 ސަރަހައްދަކުން ވަގުތުން މީހުން ހުސްކުރުމަށް އިންޒާރު ދީފައެވެ.
އެވީޑިއޯގައި ބުނެފައިވާ ގޮތުގައި އެ ސަރަހްދުން އާންމުން ހުސްކުރުމަށް އަންގާފައިވަނީ އިޒްރޭލުގެ ސިފައިން އެސަރަައްދުގައި ހަރަކާތްތެރިވަމުންދާތީ އެތަނަކީ ހިޒްބުالله ގެ އަސްކަރިއްޔާއިން ހަމަލާދޭނެ އަމާޒުތަކަކަށް ވެފައިވާތީ ކަމަށެވެ.
ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ހަނގުރާމަވެރިން ގެންދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުންނެވެ. އެހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ގެންދަނީ ހިޒްބުالله ނައްތާލަން ކަމަށް ބުނެ ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަރައި ހަމަލާދެމުންނެވެ.
މި ހަމަލާތަކުގައި އާންމުންގެ އެތައް ހާސް ބަޔަކު މިހާތަނަށް ޝަހީދުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވެއެވެ.

