ބޮލީވުޑް ފިލްމީ ތަރި، ސުޝާންތް ސިންގް ރާޖްޕުތުގެ މަރުގެ މައްސަލައިގައި، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ފިލްމީތަރި ރިއާ ޗަކްރަބަތީ އާއި އޭނާގެ އާއިލާގެ މައްޗަށް ނެރެފައިވާ “ލުކްއައުޓް ސަރކިއުލަރ” ބާތިލު ކުރުމަށް ބޮމްބޭ ހައިކޯޓުން ނިންމި ނިންމުން އިންޑިއާގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ. އަދި މިކަމުން ރިއާ އާއި އޭނާގެ އާއިލާއަށް ހިތްހަމަޖެހުން ލިބި އެމީހުން ވަނީ އުފާ ފާޅުކޮށްފައެވެ.
ހުކުރު ދުވަހު ސުޕްރީމް ކޯޓުގެ ބެންޗުން ބޮމްބޭ ހައިކޯޓުގެ ނިންމުމާ ދެކޮޅަށް ސީބީއައި އާއި މަހާރާޝްޓްރާ ސަރުކާރުން ހުށަހެޅި އިސްތިއުނާފު ބަލައި ނުގަތުމާއެކު، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މަގާމަށް ރިއާޔަތްކޮށް އަޅާފައިވާ އިހުތިޔާރީ ފިޔަވަޅުތަކެއްގެ ގޮތުގައި މިކަން ފާހަގަ ކޮށްފައިވެއެވެ.

ބޮލީވުޑް ފިލްމީ ތަރި، ސުޝާންތް ސިންގް ރާޖްޕުތު/ފިލްމީތަރި ރިއާ ޗަކްރަބަތީ
2020 ވަނަ އަހަރު ސުޝާންތް ސިންގް ރާޖުޕުތުގެ އާއިލާއިން ޕަޓްނާގައި ހުށަހެޅި ފުރަތަމަ ދައުވާ އާ (އެފްއައިއާރު) ގުޅިގެން ސީބީއައި އިން ރިއާ ޗަކްރަބަތީއާއި އޭނާގެ ބޭބެ ޝޯވިކް، އަދި އޭނާގެ މައިންބަފައިން ކަމުގައިވާ ލެފްޓިނަންޓް ކާނަލް އިންދްރަޖިތް ޗަކްރަބަތީ އާއި ސަންދްޔާ ޗަކްރަބަތީގެ މައްޗަށް ލުކްއައުޓް ސަރކިއުލަރ އެއް ވަނީ ނެރެފައެވެ. މި އެފްއައިއާރާ ގުޅިގެން ސުޝާންތުގެ މަރުގެ ތަހުގީގު ފެށި، އަދި މި މައްސަލަ ސީބީއައި އަށް ބަދަލު ކުރެވުނެވެ.
ބޮމްބޭ ހައިކޯޓުން ކުރިން ލުކްއައުޓް ސަރކިއުލަރ ބާތިލު ކުރުމުގައި ބުނެފައިވަނީ މި އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން މިކަން އިތުރަށް ފާހަގަކޮށް، ރިއާ ޗަކްރަބޯޓީ އާއި އޭނާގެ އާއިލާއަކީ (ސޮސައިޓީގައި) މުޖުތަމައުގައި ރަނގަޅު ނަމަކާއި ގަދަރުވެރި، އިއްޒަތްތެރި ބައެއް ކަމަށާއި އަދި ތަހުގީގު މަރުޙަލާތަކުގައި އެއްބާރުލުން ދީފައިވާ ބައެއް ކަމަށް ބުނެފައި ވެއެވެ.
ސުޝާންތުގެ މަރާބެހޭ ބައެއް މައުލޫމާތުތަކަށް ބަލާލާއިރު
އޭނާ އަމިއްލައަށް މަރުވުމުގެ ހަފްތާއެއް ކުރިން، އޭނާ އިންޓަރނެޓުން ތިން މައުޟޫއަކާ ބެހޭ ގޮތުން މައުލޫމާރު ހޯދާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންތައްތަކަކީ: ސުޝާންތަށްވުރެ ގާތްގަނޑަކަށް ހަފްތާއެއް ކުރިން މަރުވެފައިވާ ދިޝާ ސަލިއާން އާއި، އޭނާގެ އަމިއްލަ ނަން ހިމެނޭ ނޫސްތަކުގެ ހަބަރުތަކާއި، ނަފްސާނީ ބައްޔަކާ ބެހޭ މަޢުލޫމާތެވެ.
2020 ވަނަ އަހަރުގެ ޖޫން މަހު، ސުޝާންތު، އޭނާ މަރުވުމުގެ ކުރިން ދެކޯލެއް ކޮށްފައިވާ ކަމަށް ވެއެވެ. އެއް ކޯލަކީ ބޮލީވުޑް އެކްޓްރެސް ރިއާ ޗަކްރަބަޓީއަށް އަދި އަނެއް ކޯލަކީ ޓީވީ އެކްޓަރ މަހޭޝް ޝެއްޓީއަށެވެ. ނަމަވެސް، މި ދެ ކޯލަށްވެސް ޖަވާބު ލިބިފައެއް ނުވެއެވެ. ދެން ރާޖްޕުޓް އެ ދުވަހުގެ ހެނދުނު އަވަހާރަ ތެދުވިއެވެ. އޭގެ ފަހުން، އޭނާ ގޫގުލް މެދުވެރިކޮށް “ސްކިޒޮފްރީނިއާ”، “ބައިޕޯލަރ ޑިސްއޯޑަރ” އަދި “ވޭނެއް ނެތި މަރު” މި 3 މައުޟޫއާ ބެހޭ މަޢުލޫމާތު ހޯދި ކަމަށްވެއެވެ.
ޖޫން 14 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް ހެނދުނު 9 ގައި ސުޝާންތު ފޯނުން އޭނާގެ ދައްތައާ ވާހަކަދެއްކިއެވެ. އަދި އެއް ގަޑިއިރު ފަހުން އޭނާ ޖޫހެއް ބުއި ކަމަށާއި ބޭސްތަކެއް ކެއިކަމަށްވެއެވެ، ގާތްގަނޑަކަށް ހެނދުނު 11:30 ގައި، އޭނާގެ ކައްކާ މީހާ އެ ދުވަހުގެ މެނޫ ޔަގީންކުރުމަށް އޭނާގެ ކޮޓަރީގެ ދޮރުގައި އެތައް ފަހަރެއްގެ މަތިން ޓަކި ޖެހިއެވެ. އޭނާއަށާއި ސުޝާންތުގެ ރަޙްމަތްތެރިންނަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެން އެމީހުން ދޮރު ހުޅުވުމަށް ތަޅުހުޅުވާމީހަކަށް ގުޅައި، އަދި އޭގެ ފަހުން ސުޝާންތުގެ ދައްތައަށާއި ފުލުހުންނަށް ގުޅިއެވެ. އެހެންނަމަވެސް އަމިއްލައަށް މަރުވި ކަމުގެ ނޯޓެއް ފެނިފައެއް ނުވެއެވެ.
ދި އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކުރި ގޮތުގައި މުންބާއީ ފުލުހުން ބުނެފައިވަނީ އެ އެކްޓަރުގެ ކިބައިން ކްލިނިކަލް ޑިޕްރެޝަންގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އަދި އޭނާ ނަފްސާނީ ޑޮކްޓަރަކާ މަޝްވަރާކުރަމުން ދިޔަ ކަމަށެވެ.
25 ޖުލައި 2020 ގައި، ސުޝާންތުގެ ބައްޕަ ކޭ.ކޭ. ސިންގް، އޭނާ ދިރިއުޅޭ ޕަޓްނާގައި ރިއާ ޗަކްރަބޯޓީ އާއި އިތުރު 6 މީހުންގެ މައްޗަށް، އޭނާގެ އާއިލާގެ މެންބަރުންވެސް ހިމެނޭގޮތަށް، އަމިއްލައަށް މަރުވުމަށް ހިތްވަރުދިނުމުގެ މައްސަލައެއް ހުށަހެޅިއެވެ. އަދި އިތުރަށް އޭނާ ތުހުމަތު ކުރީ ހިފެހެއްޓުމާއި، ބަންދުކުރުމާއި، ވައްްކަމާއި، އިތުބާރާ ހިލާފުވުމާއި އަދި މަކަރާއިހީލަތް ހެދުމުގެ ކުށްތަކުގެ މައްޗަށެވެ. ރިއާ ޗަކްރަބަޓީ ވަނީ ސުޝާންތަށް މާލީގޮތުން އޮޅުވާލައި އަދި ނަފްސާނީގޮތުން އުނދަގޫކޮށްފައި ކަމަށް ބުނެ އޭނާގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވެއެވެ.