”ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އަންނަ ނޮވެމްބަރު މަހު އާންމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ”ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާނުކުރި ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަަށް ތުހުމަތުކޮށް، އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލެވުނު ”ހައުސިންގ އެޑްވައިޒަރީ ކޮމިޓީ” އާއި މާލެ ސިޓީ ކައުންސިލުން އެކުލަވައިލި ”ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ” އިންވެސް ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓް އެކުލަވާލައިފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނަ ކަމަަށް ވަނީ ނިންމާފައެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ އަންނަ ނޮވެމްބަރުމަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް 4000 ފުލެޓުގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

