މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައި ވެއެވެ.
މި ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ވަނީ މި ދަފްތަރު އިފްތިތާހުކޮށްފައެވެ.
މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ، އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކަނޑައެޅުމެވެ. މީގެ އިތުރުން، މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމަށް މަގުފަހިކުރުމެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 305 އުޅަނދެއް މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި މި ދަފްތަރު އެކުލަވާލުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރަށް ދާ ފައިސާ ރާއްޖޭގެ އިގުތިސާދުގައި ހިފެހެއްޓޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

