ދައުލަތުގެ ހަރަދު ބެލެހެއްޓުމުގައި ފާހަގަވި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްފަހު، ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފްސީލްތައް މާލީ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.
މިދިޔަ ސަރުކާރުން ދައުލަތުގެ ހަރަދު ބަލަހައްޓަމުން ދިޔަ ގޮތާގުޅޭ ސީރިއަސް، އަދި ގާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވުމާއެކު މާލީ ވުޒާރާއިން ވަނީ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް” އާންމުކުރުން މިދިޔަ ޖޫންމަހު މަޑުޖައްސާލާފައެވެ. ނަމަވެސް މިއަދު އާންމުކުރި ރިޕޯޓުގައި ޖޫން މަހުން ފެށިގެން އޮކްޓޫބަރުމަހުގެ ނިޔަލަށް ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ.
ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ 1 އިން އޮކްޓޫބަރު 24 އަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 28.2 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް މުދަލުންނާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިންނެވެ. މި މުއްދަތުގައި ރީކަރަންޓް އަދި ކެޕިޓަލް ހަރަދަކީ 37.7 ބިލިއަން ރުފިޔާއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ހަރަދުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުން ބިލިޔަނުން ފައިސާ ޚަރަދުކުރުމަށްފަހު، މާލީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވިވާ ކަމަށެވެ.
މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ހަރަދުގެ ތެރެއިން ރިކޯޑުނުކޮށްވާ 2 ބިލިއަނެއްހާ ރުފިޔާގެ ތަފްސީލުތައް ކަށަވަރުކުރުމުގެ މަސައްކަތް އޮޑިޓް އޮފީހުން ކުރަމުންދާއިރު 2023 ގެ ހަރަދުތަކުގެ އަދަދުތަކަށް ބަދަލު އަންނާނެއެވެ.