ހުޅުމާލެ ފޭސް 1 ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއް ބަަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
ލަކުޑި ޖެޓީ ކައިރީގައި ހަވާލުވާނެ މީހަކު ނެތް ދަބަސްތަކެއް ހުރިކަމަށް ނޮވެމްބަރު 3 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް އެ ދަބަސްތައް ބަލައިފާސްކުރިއިރު 228 ދަޅު ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ލަކުޑި ޖެޓީ ސަރަހައްދަކީ ހުޅުމާލޭގެ ގިނަ އަދަދެއްގެ ސަފާރީ ހުންނަ ސަރަހައްދެކެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ރާއްޖޭގައި ރާ ވިއްކުމުގެ ހުއްދަ ދީފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށްވީ ނަމަވެސް، އެގޮތަށް ދޫކުރާ، ބަނގުރާ ރަށްރަށާއި މާލޭގައި އަބަދުވެސް ކަޅު ބާޒާރުގައި ވިއްކުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބައެއް ސަފާރީތަކަށް ދުވަހު ފަތުރުވެރިޔަކު ނޭރިޔަސް، ބަރާބަރަށް ބޮންޑެޑް ވެއާހައުސްއިން ނަގައިގެން ރާ އަރުވައި ވިއްކާ ކަމަށެވެ. ބޮންޑެޑް ވެއާހައުސްއިން ރާ ނެގުމަށްފަހު ރާއްޖޭގެ އެކި ރަށްރަށަށް އަރުވަމުން ދަނީ އެގޮތަށް ކަމަށާ ދެން އެ ފުރުސަތު ނުދެއްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެކަން ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި ދެން ރާ ދޫކުރާއިރު އެ ސަފާރީއަކަށް ފަތުރުވެރިން އަރާ މިންވަރު ވެސް ބަލާނެ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ސިއްރިއްޔާތުގައި ދަތިކޮށް ކުރަން ޖެހޭތީ މަދުކަމަކަށް ވިޔަސް ޒަމާނާއެކީ ވަގުތާއެކު ކަންކަން ފަސޭހަވުމުން މިވަގު ވިޔަފާރިވެސް ވަނީ ފުޅާވެފައެވެ. އޭގެ ހެއްކަކީ، ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ އަދަދަކަށް ގެންނަ ބަނގުރަލުގެ ދަޅުތަކާއި ފުޅިތަކެވެ.

