މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 46 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި، އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ޝަހީމާ ހުސައިން އިއްޔެ ރިޓަޔަރ ކުރައްވައިފިއެވެ.
ޝަހީމާއަކީ މިހާތަނަށް އެމްއޭސީއެލްއަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފެވެ. އަދި އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ މަޤާމުވެސް އެންމެ ގިނަ ދުވަހު ފުރުއްވާފައިވަނީ އޭނާއެވެ. އެގޮތުން އޭނާ ވަނީ އެ މަގާމު 15 އަހަރު ވަންދެން އަދާކުރައްވާފައެވެ.
ޝަހީމާ ރިޓަޔަރ ކުރެއްވުމާ ގުޅިގެން އެމްއޭސީއެލްއިން ވަނީ އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްއިން ރިޓަޔަރ ކުރެއްވި އެ ކުންފުނީގެ ކުރީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ސަލާާހުގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ. ސަލާހު އެމްއޭސީއެލްއިން ރިޓަޔަރ ކުރައްވާފައިވަނީ 20 އަހަރަށް ފަހުގައެވެ.
އިއްޔެ ބޭއްވުނު މި ހަފްލާގައި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޝަހީމާ އާއި ސަލާހަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފު ވަނީ ކުންފުނީގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައެވެ.