ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވިގެންދިޔަ އައު ފިއުލް ފާމާއި، ފިއުލް ހައިޑްރަންޓު ސިސްޓަމްގެ ހުރިހާ މަސައްކަތެއް ކުރާނީ ދިވެހިން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މި އައު ފިއުލް ފާމުގެ ސަބަބުން ވީއައިއޭގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސިސްޓަމްގެ ހުރިހާ މަސައްކަތެއް ބަލަހައްޓައި ހިންގާނީ ދިވެހިން ކަމަށެވެ.
“އަޅުގަނޑުމެން ފިއުލް ފާމަށް ތެޔޮ ރިސީވްކޮށް ތެޔޮ ޑިސްޓްރިބިއުޓްކޮށް އޭގެ ސަލާމަތީ ކަންކަން ބަލަން ހުރިހާ ކަމެއް އޮޓޯމޭޓެޑް ސިސްޓަމަކުންނޭ މިކުރަނީ. މިހުރިހާ ކަމެއް މިކުރަނީ އަޅުގަނޑުމެންގެ މަދު ދިވެހިން. އެހެންވީމަ އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް ފަހުރުވެރިވޭ.” ޝަރީފު ވިދާޅުވިއެވެ.
މި އައު ސިސްޓަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެލުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަމާއެކު ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ސިސްޓަމް ހިންގުމަށް ދިވެހިން ވަނީ ތަމްރީނުކޮށްފައެވެ. އެގޮތުން ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާ ތަކަށެވެ.
ވީއައިއޭގެ އައު ފިއުލް ފާމާއި، ފިއުލް ހައިޑްރަންޓު ސިސްޓަމް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ ތެލުގެ ހިދުމަތްތައް އިތުރަށް ހަލުވިވެ، ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ.