ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީއާއި، ޔޫކޭޖީއާއި، ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.
2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ، ޔޫކޭޖީ، ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް ހުޅުވައިލީ 16 އޮކްޓޫބަރެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަޑިއަށް ޚާއްސަ ސަމާލުކަމެއް ދީގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން ވެސް މިހާރު ވަނީ އެޕްލިކޭޝަން ފޯމު ދޫކުރަން ފަށާފައެވެ.