ސިޔާސަތުތައް ތަންފީޒުކުރަން ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ. މިކަމަށް އިލްތިމާސްކުރެއްވީ މިސަރުކާރުގެ ވޭތުވެދިޔަ 52 ހަފްތާގައި ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފުލާގައެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކަމަނާ ސިއްހީ ދާއިރާގައި މަސައްކަތްކުރެއްވިއިރު ފާހަގަވި ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ. ސާޖިދާ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ފަންނީ ގާބިލު ބައެއްކަމަށާއި، އެމީހުން ކުރާ މަސައްކަތަކީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރާ މަސައްކަތެއްކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކަށް އެކަނި ބަލައިގެން މަސައްކަތް ކުރާ ބައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
“މިހާރުވެސް މަސައްކަތް ކުރަމުންދާގޮތަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާ. ބައެއް ފަހަރު މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހޭ ކަންތައްތަކާ ކުރިމަތިލާން ޖެހުނުނަމަވެސް މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހުނުނަމަވެސް އެކަންކަން އެއްފަރާތްކުރައްވާ. ހިތްހަމަ ނުޖެހޭ ކަންކަން ހުރިނަމަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހައްލުކޮށް މަސައްކަތާއިގެން ކުރިއަށް ގެންދަވާ.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ސިވިލް ސަރވެންޓުންނަކީ އެއިރެއްގައި އަމަލުކުރަމުން އޮންނަ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ބައެއްކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް ސިޔާސަތުތައް އޮތްނަމަވެސް އެކަން ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ޚާއްސަގޮތެއްގައި ސިއްޙަތާ ގުޅިފައިވާ ކަންކަން ތަންފީޒް ކުރުމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.
މި ހަފްލާގައި ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ވޭތުވެދިޔަ 52 ހަފްތާތެރޭގައި ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، މުވައްޒަފުންނަށް ޝުކުރުގެ ބެޖު ހަވާލުކޮށްދެވުނެވެ. މި ބެޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މި ހަޭފްލާގައި ދެއްކެވި ވާހަކަފުޅުގައި ސާޖިދާ މުޙައްމަދު އަލިއަޅުވާލެއްވީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުހިންމުކަމާއި، އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތްވަރާއި ޤާބިލުކަން ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ސިވިލް ސަރވަންޓުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ސިޔާސަތުތަކާ ދޭތެރޭ ހިތްހަމަނުޖެހުންތަކެއް ހުރިނަމަވެސް، އެކަންކަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލުކުރުމަށް އިލްތިމާސްކުރެއްވިއެވެ.