ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ “މޯލްޑިވްސް ފަސްޓް” ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބުކަމަށާއި، ފާއިތުވި އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތާއެކު މި ސިޔާސަތުގެ ނަތީޖާ ފެންނަމުންދާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހާރިޖީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފުތާ-52” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހާރިޖީ ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ މުޅި ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައި ވަނީ ދިވެހިންގެ މަސްލަހަތާއި ކުރިއެރުން އިސްކޮށް “މޯލްޑިވްސް ފަސްޓް” ޕޮލިސީގެ މައްޗަށް ކަމަށެވެ. އަދި މި ސިޔާސަތުގެ މައިގަނޑު އަސާސްތައް ބައްޓަންވެގެންދަނީ ޤައުމުގެ ކުރިއެރުމާއި ދިވެހިންގެ ކުރިއެރުން އިސްކޮށް ވަކި އަތަކަށް ބުރަނުވެ، ގައުމުތަކާއެކު ހަމަހަމަ ގުޅުމެއް ޤާއިމުކުރުމުގެ މައްޗަށްކަމަށެވެ.
ހާރިޖީ ވަޒީރު ޑރ. ހަލީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ އެންމެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ގައުމުތަކާއެކު އޮތް ގުޅުންތައް ހަރުދަނާކޮށް ހާރިޖީ ރޮނގުންވެސް މުހިންމު ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށެވެ. އެގޮތުން ޗައިނާއާއި އިންޑިއާއާއި ތުރުކީވިލާތަށް ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި އެ ގައުމުތަކާއެކު އެންމެ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ކޮމްޕްރޮމައިޒްނުކޮށްވެސް ގައުމުތަކާއެކު ގާތް ގުޅުންތަކެއް ބޭއްވިދާނެކަން ރައީސް ސާބިތު ކޮށްދެއްވަމުން ގެންދަވާކަން ހާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި “މޯލްޑިވްސް ފަސްޓް” ޕޮލިސީގެ ތެރެއިން އަވަށްޓެރި ގައުމުތަކާއި، ވިޔަފާރީގެ ގުޅުން އޮންނަ އެކިއެކި ގައުމުތަކާއެކުވެސް ގާތް ގުޅުންތަކެއް އުފެއްދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ނިންމާލަމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ގައުމުތަކާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމުގެ އިތުރުން އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ، އެ ދިވެހިންގެ ޙާލަތު ވަރަށް ގާތުން ބައްލަވާ، ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށް ވެސް ހާއްސަ އިސްކަމެއްދެއްވާކަމެވެ.
ހާރިޖީ ވަޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ “މޯލްޑިވްސް ފަސްޓް” ހާރިޖީ ސިޔާސަތު މިހާތަނަށް ވަރަށް ކާމިޔާބު ކަމަށެވެ. މި ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަން އެނގެއެވެ. ހާއްސަކޮށް ބޭރު ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަވެ، އިގުތިސާދީ އަދި ތަރައްގީގެ ރޮނގުން ކުރި އެރުންތަކެއް ހޯދިފައިވާކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިފެހެއްޓުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާވެ، ބޮޑެތި ގައުމުތަކާއި ޖަމްއިއްޔާތަކާއެކު ގުޅުން ބަދަހި ވެފައިވާކަންވެސް އެނގެއެވެ. އަދި ބޭރުގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދެވި، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.

