މޯލްޑިވްސް އިމިގްރޭޝަނުން މާދަމާ އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.
އޯޕަންޑޭ ނުވަތަ ފަހިދުވަސް ބާއްވަން ނިންމާފައިވަނީ އިމިގްރޭޝަންގެ މައި އިދާރާ ހުންނަ ވެލާނާގޭ ފުރަތަމަ ފަންގިފިލާގައެވެ.
އާންމުންނަށް ހުޅުވާލައިފައިވާ މި އޯޕަންޑޭއަށް ޒިޔާރަތް ކުރުމަށް ހުޅުވާލައިފައިވަނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
އޯޕަންޑޭގައި އިމިގްރޭޝަނަށް ހާޒިރުވެ އެޗްއޯޑީ އިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތާއި، އިމިގްރޭޝަންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އަދި އިމިގްރޭޝަންގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ވެސް ހިއްސާކުރާނެއެވެ.
މި ވޭތުވެދިޔަ އަހަރު އިމިގްރޭޝަނުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތްތަކެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން މިދިޔަ އެއް އަހަރު ވަނީ 5000 ބިދޭސީން ޑީޕޯޓުކޮށްލާފައެވެ.