ޔަހޫދީ އިސްރާއިލްގެ ހުއްޓުމެއްނެތް ހަމަލާތަކުގައި މިއަދު އެކަނިވެސް އެތައް ކުޑަކުދިންނާއި، 3 ސިފައިން ޝަހީދު ކޮށްލައިފިއެވެ.
ލުބުނާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ހަމަލާއެއްގައި ދެކުނުގައި ތިން ސިފައިން ޝަހީދުވެފައިވާ ކަމަށެވެ.
މި ހަމަލާދީފައިވަނީ ލުބުނާނުގެ ދެކުނުގައިވާ ސަރަފަންދު ރަށުގައި ހުރި ސިފައިންގެ މަރުކަޒަކަށް ކަމަށް ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ. ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވަނީ މި ހަމަލާގައި އެސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހިމެނޭގޮތަށް 8 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ލުބުނާނުގެ އިސްވެރިން ބުނާ ގޮތުގައި މި ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ 3،544 މީހުން މިހާތަނަށް ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަނގުރާމަވެރިންނާއި އާންމު ރައްޔިތުންނާއި ކުޑަކުދިން ހިމެނެއެވެ.
އިސްރާއީލުން ލުބުނާނަށް ހަމަލާދެމުން ދާއިރު، މިއަދުވެސް ވަނީ ފަލަސްތީނުގެ އެކިއެކި ސަރައްހައްދުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. ރިޕޯޓްތައް ބުނާގޮތުން މިއަދު ޝަހީދުވި މީހުންގެ އަދަދު ޔަގީން ނުވިނަމަވެސް 50 އަށް ވުރެ އާންމު ރައްޔިތުން ޝަހީދު ވެފައިވާކަމަށެވެ. އަދި މިއަދަދު މިއަށްވުރެ މަށްޗަށް ދިއުމަކީ އެކަށީގެންވާކަމެކެވެ.

