ދެވަނަ ބުރުގައި އާރްއެސްޑަބްލިޔު ފެސިލިޓީއަށް ހުށަހެޅި 13 އޮޑިވެރިއަކަށް ފެސިލިޓީ އެވޯޑް ލެޓަރ ހަވާލުކޮށްފިއެވެ.
މަސްވެރިން ބާނާ މަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރެވޭނެ ނިޒާމު، ރެފްރިޖަރޭޓަޑް ސީވޯޓަރ (އާރްއެސްޑަބްލިއު) ސިސްޓަމްތަކާއި އިޔާދަކުރަނިވި ހަކަތަ ނިޒާމު ގާއިމު ކުރުމަށް ޕުރޮޖެކުޓެއް ވަނީ ފަށާފައެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ “ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫއު” ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ.
މި މަޝްރޫއު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި، މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ނިންމާފައެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސްޑީއެފްސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރު ވަނީ ފަހިކޮށްދީފައެވެ.
މި ފެސިލިޓީގެ ދެވަނަ ބުރަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު 22 ގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދާ ހަމައަށް 32 ދޯންޏަކުން މި ފެސިލިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެތެރެއިން ކްރެޑިޓް އިވޭލުއޭޝަން ނިމުނު 13 އޮޑިވެރިއަކަށް ފެސިލިޓީ އެވޯޑް ލެޓަރ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފެސިލިޓީގެ މައުލޫމާތު އޮޑިވެރިންނަށް ދީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއާއި އެސްޑީއެފްސީގެ ޓީމުތައް މިހާތަނަށް 5 އަތޮޅަކުން 8 ރަށަކަށް ވަނީ ދަތުރުކޮށްފައެވެ.