ލުބުނާނުގެ ދެކުނުގައިވާ ސަރަފަންޑް ރަށުގައި ހުރި އަސްކަރީ މަރުކަޒަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 3 ލުބުނާނު ސިފައިން ޝަހީދުވެއްޖެއެވެ. އަދި އެ ތަނާއި ކައިރި ސަރަހައްދެއްގައި ދިރިއުޅޭ 17 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ސިފައިންނާއި މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެފައިވެއެވެ.
“އިސްރާއީލުން ދެކުނުގައިވާ ސަރަފަންޑް ރަށުގައި ހުރި އަސްކަރީ މަރުކަޒަކަށް ދިން ހަމަލައެއްގައި، 3 ސިފައިން ޝަހީދުވެއްޖެ،” ލުބުނާނުގެ ސިފައިން އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް ބުނެފައިވެއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި ހަމަލާގައި 17 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި 28 މީހުން މަރުވެ 107 މީހުން ޒަޚަމްވެފައިވާ ވެއެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިޒްބުއްލާއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުގައި މަރުވި މީހުންގެ އަދަދު 3،544 އަށް އަރާފައިވެއެވެ. އަދި 15،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ސަރަފަންޑްއަށް ދިން ހަމަލާގެ ކުރިން ލުބުނާނު ސިފައިންގެ ތަރުޖަމާނު ފާދީ އީދު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނިއުސް އޭޖެންސީއަށް ބުނެފައިވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 38 ސިފައިން ޝަހީދުވެފައިވާ ކަމަށެވެ. އެންމެ ފަހުން މަރުވި 3 ސިފައިންނާއެކު ލުބުނާނު ސިފައިންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 41 އަށް އަރާފައިވާ ކަމަށް އޭޕީން ރިޕޯޓުކޮށްފައިވެއެވެ.
އާދީއްތަ ދުވަހު އިސްރާއީލުގެ ބާރުތަކުން ދެކުނު އިރުމަތީގައިވާ ހަސްބައިއްޔާ ޕްރޮވިންސްގެ މާރީގައި ހުރި ލުބުނާނު ސިފައިންގެ މަރުކަޒަކަށް ބޮން އެޅިއެވެ. މި ހަމަލާގައި 2 ސިފައިން މަރުވެ އިތުރު 3 ސިފައިން ނުރައްކާތެރި ޒަޚަމްތަކެއް ލިބިފައިވެއެވެ.
އެންމެ ފަހުން މަރުވި ލުބުނާނު ސިފައިންނާ ގުޅޭގޮތުން އިސްރާއީލުގެ ސިފައިންގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ހޯމަ ދުވަހު ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ އިސްރާއީލުން އެ ޤައުމުގެ ސިފައިންނަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން ޔޫއެން ސެކިއުރިޓީ ކައުންސިލަށް ރަސްމީ ޝަކުވާއެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އަންގާރަ ދުވަހުގެ ކުރީކޮޅު، އިޓަލީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދެކުނު ލުބުނާނުގެ ޗާމާގައި ހުރި ޔޫއެން ސުލްޙަ ބެލެހެއްޓުމުގެ ބާރު ޔޫނިފިލްގެ އިޓަލީ ކޮންޓިންޖެންޓްގެ މައި މަރުކަޒަށް 8 ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ. އަދި ކައިރީގައިވާ ރާމިޔާގައި ރޮކެޓެއް ގޮވުމުގެ ސަބަބުން ގާނާގެ ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.
ޗާމާގައި ހުރި މަރުކަޒަށް ދިން ރޮކެޓް ހަމަލާގައި އެއްވެސް މީހަކު ޒަޚަމްވެފައި ނުވިނަމަވެސް، އިޓަލީގެ 5 ސިފައިން އެ މަރުކަޒުގެ މެޑިކަލް ފެސިލިޓީގައި މޮނިޓަރ ކުރަމުންދާ ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ރޮކެޓްތައް އައީ ކޮން ދިމާލަކުންކަމާއި މި ހަމަލާއަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް ތަޙްޤީޤުތައް ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ. މި ހަމަލާގައި ބައެއް ބޭރު ސަރަޙައްދުތަކާއި މަރުކަޒުގެ ސަޕްލައި ގުދަނަށް ގެއްލުން ލިބިފައިވެއެވެ.

ހަމަ އެ އަންގާރަ ދުވަހު، އާޖެންޓީނާއިން ޔޫނިފިލްއަށް އަންގާފައިވަނީ ލުބުނާނުގައި ހިނގަމުންދާ ސުލްޙަ ބެލެހެއްޓުމުގެ ކަންކަން އެ ޤައުމުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
“އާޖެންޓީނާއިން އެދިފައިވަނީ އެ ޤައުމުގެ އޮފިސަރުން އާޖެންޓީނާއަށް އަނބުރާ ގެންދިއުމަށް.” ނޫސްތަކުގައި ނެރުނު ރިޕޯޓަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ޔޫނިފިލްގެ ތަރުޖަމާނު އަންދްރޭއާ ޓެނެންޓީ ބުނެފައިވެއެވެ. އާޖެންޓީނާއިން މި ނިންމުން ނިންމި ސަބަބާއި ގުޅޭގޮތުން އިތުރު ތަފްސީލު ދިނުމަށް އޭނާ އިންކާރުކޮށް، އެ ސުވާލު އާޖެންޓީނާގެ ސަރުކާރަށް ރައްދުކުރިއެވެ.
އާޖެންޓީނާއަކީ ޔޫނިފިލްއަށް ސުލްޙަ ސިފައިން ފޮނުވާ 48 ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ޔޫއެންގެ ވެބްސައިޓެއްގައިވާ މަޢުލޫމާތުގައިވާ ގޮތުގައި މިހާރު ލުބުނާނުގައި އާޖެންޓީނާގެ 3 މުވައްޒަފުން ތިބިކަމަށް ބުނެފައިވެއެވެ.
ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި 20 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވެއެވެ. އަދި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޔޫނިފިލްގެ އެތައް މަރުކަޒަކަށް ގެއްލުން ލިބިފައިވެއެވެ. އިސްރާއީލުން ތުހުމަތުކުރަނީ ޔޫނިފިލްގެ ސުލްޙަ ބެލެހެއްޓުމުގެ މަރުކަޒުތަކުގައި ހިޒްބުއްލާގެ ހަނގުރާމަވެރިން ފޮރުވާފައި ތިބި ކަމަށެވެ.
ޔޫނިފިލްއިން ވަނީ އިސްރާއީލުގެ އިންޒަރުތަކާއި ހިލާފަށް އެމީހުންގެ އަމިއްލަ ސަލާމަތަށްޓަކައި ދެކުނު ލުބުނާނުން ފޭބުމަށް އިންކާރުކޮށްފައިވެއެވެ.

