ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތްވެ ވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅު އެއްވެސް ވަރަކަށް ގެންގުޅުއްވަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް މިހެން ވިދާޅުވިއެވެ.
“ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކު ވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،” އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުޙައްމަދު މުއިއްޒު އާއި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އޮތްކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ކުރިން ރައީސް މުއިއްޒާ މާ ގާތް ގުޅުމެއް ނެތްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނަމަވެސް މިހާރު އެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ވަރުގަދަވަމުން ކަމަށެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު ލައްކައަކާ ވަނީ ގާތްކޮށްފައެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން ޕީއެންސީގައި މި ވަގުތު ތިބީ 28,983 މެންބަރުންނެވެ. ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.