ފަނޑިޔާރުގެ ހުއްދަ ނެތި ފެމިލީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ނުކުތް އަންހެނަކަށް ތިން ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އެ ހުކުމް ކުރައްވަމުން ފެމިލީ ކޯޓުގެ ފަނޑިޔާރު މައީޝާ ޔޫސުފް ސަމީރު ވިދާޅުވީ، ޝަރީއަތުގެ މަޖިލިހުގައި އަޑުއެހުމެއް ހިނގަމުން ދަނިކޮށް، ފަނޑިޔާރުގެ ހުއްދަނެތި ޝަރީއަތުގެ މަޖިލީސް ދޫކޮށް ނުދެވޭނެ ކަމާއި އެއީ ފިޔަވަޅު އެޅޭނެ ކަަމަށް އަންގާފައި ވަނިކޮށް، ފަނޑިޔާރުގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުން އެއަންހެންމީހާ ނުކުމެގެން ގޮސްފައިވާ ކަމަށެވެ.
އަންހެންމީހާ ވަނީ ޝަރީއަތުގެ މަޖިލުހުން ނުކުމެގެން ގޮސް ކޯޓުގެ ރިސެޕްޝަންގެ ތެރެއިން، ލީގަލް އޮފިސަރު އިންނަ ކޮޓަރި ތެރެއަށް ވަދެ، އެތަނުން ކޯޓުގެ ލޮބީ ސަރަހައްދަށް ނުކުމެ ކޯޓުން ނުުކުމެގެން ގޮސްފައިވާ ކަަމަށެވެ. އަދި އެގޮތަށް ކޯޓުން ނުކުމެގެން ދިޔައީ، ހުއްދަ ހޯދުމެއްނެތި، އަމިއްލައަށް ކަމަށްވުމުން އެއަންހެންމީހާ އެއިހުމާލުވި ކަމުގައި ކުށްވެރި ވެފައިވާ ކަމަށެވެ.
އެހެންކަމުން އަންހެންމީހާ، ޝަރީއަތުގެ ނިޒާމާއި ހިލާފުވެފައި ވާތީ، ހަމައެއާއެކު، ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ތިން ދުވަހަށް ޖަލަށް ލުމަށް ފަނޑިޔާރު މައީޝާ ވަނީ ހުކުމް އިއްވާފައެވެ.