ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ކިރިން ހޯލްޑިންގްސްއިން ވަނީ ރަހަ ރަނގަޅު ކޮށްދޭ ސަމްސާ ވިޔަފާރީގެ ބާޒާރަށް ނެރެފައެވެ. މި ސަމްސާއަށް ކިޔަނީ “އެލެސިސްޕޫން” އެވެ. މި ސަމްސަލުން ދުލުގެ ލޮނު ރަހަދޭ ގޮތް ރަނގަޅުކޮށްދޭ ކަމަށާއި، އެހެންކަމުން ކާތަކެތީގެ ރަހަ ރަނގަޅުވާ ކަމަށް ބުނެއެވެ.
ކިރިން ކުންފުނީގެ ދިރާސާކުރާ ފަރާތްތަކުން މެއިޖީ ޔުނިވަރސިޓީގެ ސައިންސަވެރިންނާއި ގުޅިގެން ވަނީ ކަރަންޓު ބޭނުންކޮށްގެން ކާތަކެތި އިތުރަށް ލޮނުރަހަ ރަނގަޅުކޮށް ރަހަ މީރުކުރާ ސްމާޓް ބަދިގެއަށް ބޭނުންވާ ތަކެތި އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އޭރު އެމީހުން ވަނީ ސްމާޓް ސަމްސާ ތަށްޓެއް ޓެސްޓުކޮށްފައެވެ. އެ ދެ އެއްޗެހި އެކުގައި ބޭނުންކޮށްގެން ކާތަކެތި ގާތްގަނޑަކަށް 1.5 ގުނަ އިތުރަށް ލޮނުގަދަ ކުރެވޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މާކެޓަށް ނެރެވުނީ ހަމައެކަނި ސަމްސަލެވެ.
ކިރިން ޓެކްނޮލޮޖީއިން އެންމެ ފަހުން ތައާރަފްކުރި އޭގެ އެންމެ އައު ޕްރޮޑަކްޓަކީ އެލެސިސްޕޫންއެވެ. މިއީ ކާތަކެތީގައި
ލޮނު ބޭނުންކުރާ ގޮތް މަދުކޮށް ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ހުރުމަށް އެހީވެދޭ ގޮތަށް ފަރުމާކޮށްފައިވާ ސްމާޓް ސަމްސާއެކެވެ.
ޖަޕާނުގައި ލޮނު ބޭނުންކުރާގޮތް ގިނަވުމަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި އާންމުވެފައިވާ މައްސަލައެކެވެ. އަދި ހަމައެހެންމެ ލޮނު މަދުކޮށް ހަދާފައިވާ ކާތަކެއްޗެހި މީހުންނަށް ކަމުނުދިޔުމަކީވެސް ދިމަވާ މައްސަލައެކެވެ. އެހެންކަމުން ލޮނު ބޭނުންކުރުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތައް ހުއްޓުވުމަކީ ހަމައެކަނި ކާތަކެތިން ލޮނު މަދުކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ. މިހިސާބުން އެލެސިސްޕޫން ފަދަ ޒަަމާނީ އަދި އިޖާދީ ހައްލުތައް ބޭނުންވެއެވެ. މި ސަމްސާއިން ޚާއްޞަ ކަރަންޓު ބޭނުންކުރާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ދުލުގެ ރަހަދޭ ގޮތް ބަދަލުކޮށްލައެވެ.

ކިރިން ޓެކްނޮލޮޖީއިން އެންމެ ފަހުން ތައާރަފްކުރި އެންމެ އައު ޕްރޮޑަކްޓަކީ އެލެސިސްޕޫން.
އެހެންވީމާ، އެލެސިސްޕޫން މަސައްކަތްކުރަނީ ކިހިނެއް ހެއްޔެވެ؟ ކިރިންގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަމްސާގެ ކޮޅުން ކާތަކެއްޗަށް ކަރަންޓު ޗާޖު ފޯރުކޮށްދެއެވެ. އަދި އެއާއެކު ދުލުގެ ވަށައިގެން ކަރަންޓު އުފެދިގެންދާ މެކޭނިޒަމެކެވެ. މި ކަރަންޓުގެ ސަބަބުން ކާއެއްޗެހީގައި ހުންނަ ސޯޑިއަމް އަޔަންތައް އެއްތަނަކަށް ޖަމާވެއެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ދުލަށް ލޮނުގެ ރަހަ އިތުރަށް ތަޖުރިބާކުރެވުމެވެ.
އަހަރެމެން އެންމެންނަށް ލޮނުގަދަކަން ތަޖުރިބާކުރެވެނީ ތަފާތު ގޮތްގޮތަށް ކަމަށްވާތީ، އެލެސިސްޕޫންގައި ކަރަންޓު ބާރުމިނުގެ ހަތަރު ލެވެލެއް ހުރެއެވެ. ނަމަވެސް ކިރިންއިން ބޭނުންކުރާ މީހުންނަށް ފުރަތަމަ ލެވެލްއިން ފެށުމަށް ލަފާދީފައިވީ ނަމަވެސް، އެންމެ މަތީ ލެވެލްގައި ވެސް ކަރަންޓުގެ އިހުސާސެއް ދުލަށް ނުކުރެވޭނެ ކަމަށް ޖަޕާނުގެ މި ކުންފުނިން ބުނެއެވެ. މި ސަމްސާއަކީ ކަރަންޓަށް ބަރޯސާވާ އެއްޗަކަށްވުމުން އެއަށް ބާރު ފޯރުކޮށްދޭ އެއްޗެއް ބޭނުންވެއެވެ. އެއީ އޭގެ ހިފާ ބައިގައި ހަރުކޮށްފައިވާ 3ވޮލްޓް ރީޗާޖްކުރެވޭ ލިތިއަމް ބެޓެރީއެކެވެ.
އެލެސިސްޕޫނަކީ ކެއުމުގައި މީރު ރަހައަށް އިސްކަންދޭ މީހުންގެ ތެރެއިން އެމީހުން ބޭނުންވާ ވަރަށް ލޮނު ބޭނުންނުކުރެވޭ މީހުންނަށް ވަރަށް ބޮޑު އެހީއަކަށް ވެދާނެއެވެ. ނަމަވެސް ކިރިން ހޯލްޑިންގްސްއިން ފާހަގަކޮށްފައިވާ ގޮތުގައި މި ސަމްސާއަކީ އެންމެންނަށް ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. މޫނުގެ ނާރުތަކުގެ މައްސަލަ ހުންނަ މީހުންނާއި، ދަގަނޑު ފަދަ ތަކެއްޗަށް އެލަރޖިކްވާ މީހުންނާއި، ތަދާއި ފިނިހޫނުމިން ދެނެގަތުމުގެ ޤާބިލުކަން ނެތް މީހުން މި ސަމުސާ ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރަންޓުން ހިންގާ މެޑިކަލް އިމްޕްލާންޓްތައް ހަށިގަނޑުގައި ހަރުކޮށްފައިވާ މީހުންނާއި، މާބަނޑު އަންހެނުންނާއި، ދަތުގެ ފަރުވާ ހޯދަމުންދާ މީހުންނަށްވެސް މި ސްމާޓް ސަމްސާ ބޭނުންކުރުމަށް ލަފާއެއް ނުދެއެވެ.