ޤައިދީންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތްތައް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ޖަލުތަކަކީ ޑިޒައިން ކުރެވިގެން ހެދިފަ ހުރި ޖަލުތަކެއް ނޫން ކަމަށެވެ.
އެގޮތުން މާފުށީގައި ބޭނުންކުރަމުން އަންނަނީ އެސްޓިއޯ އިން މަސްފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރި ތަނެއް ކަމަށާއި ޤައީދިންނަށް ޚާއްސަކޮށްގެން ޖަލުތަކެއް ނެތުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގަ ދަތިތަކެއް ހުރިކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސަރުކާރު ބަދަލުވެގެން އައިއިރުވެސް ޖަލުތަކުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޤައިދީންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ރަނގަޅު ކުރުމާއި ތަނަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކަމަށެވެ.
އެގޮތުން އަޅުގަނޑުމެން ވާނީ ޖަލުތަކުގަ ޤައިދީންނަށް ފޯރުކޮށްދޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތްތައް ކޮށްފަ. އެކި ބާވަތުގެ 68 ރެނޮވޭޓިވްގެ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްފަ ވާނެ. އޭގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ހިންމަފުށީގައި 200 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވިއްޖެ. މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްކިތެއް މި ހުޅުވުނީވެސް. އަދި ސެކިއުރިޓީ ބައުންޑްރީ ފާރެއް ރާނާ ނިންމުންވެސް ހިމެނޭ. މިއީ ބާރަހާސް އަކަ ފޫޓުގެ ފާރެއް. ކޮމިޝަނަރ އޮފް ޕްރިޒަންސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ އޮފީހެއް ފާއިތުވި 53 އަހަރު ދުވަހުގެ ތެރޭގައި ނެތްނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިމްތިޔާޒެއްގެ ދަށުން އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ޖަލުތަކުގެ އާބާދީގައި ގިނައީ 80 އިންސައްތަ ޒުވާނުން ކަމަށާއި އަމާޒަކީ ޖަލުން މިނިވަންވެގެން އަންނަ ކޮންމެ ޒުވާނަކީ ނުވަތަ މީހަކީ މުޖުމަތަޢުގެ ތެރޭގައި ބަލައިގަންނަ ރަނގަޅު ވަޒީފާއެއް އަދާ ކުރެވޭނެ ވަރުގެ ބަޔަކަށް ހެދުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފާއިތުވި އަހަރުތަކުގަ ޖަލުތަކުގައި ސެކިއުރިޓީ ނިޒާމު ވަރުގަދަ ވެފައިނެތް ކަމަށާއި ނަމަވެސް އޮފިސަރުންގެ ބުރަ މަސައްކަތުން ޖަލަށް މަސްތުވާތަކެތި ވެއްދުން މިހާރު މަދުކުރެވިއްޖެ ކަމަށެވެ.