ގދ ފިޔޯރީ ފޭސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ، ” ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ” އަންހެން ޑިވިޝަންގައި ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންނާއި އެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ގދ އަތޮޅުގައި ފޯރިއާއިއެކު ބާއްވަމުންއަންނަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އިންނެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގދ އަތޮޅު ކައުންސިލެވެ. އަދި އެސޯސިއޭޓެޑް ޕާޓްނަރުންނަކީ ފިޔޯރީ ކައުންސިލް އަދި ފޭސް ޖަމިއްޔާއެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިވަގުތު ރާއްޖޭގެ ގައުމީ އަންހެން ޓީމްގައި މުހިންމު ކުޅުންތެރިން ކަމުގައިވާ، ޖޫޒަން، ހައްވަ، މާޖިދާ އަދި ޝާހާގެ ހުނަރު ފެނިގެން ދާނެއެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާ ކުޅުންތެރިން މި މުބާރާތުގައި ކުޅުމަށް ވަނީ ހަމަޖެހިފައެެވެ.
މިމުބާރާތުގެ މެޗުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ މެޗެވެ. އަދި މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތު މާދަމާ ރޭ ފިޔޯރީ ރަސްމީ ވޮލީ ކޯޓުގައި އޮންނާނެ އެވެ. އަދި ރަސްމީކޮށް ވޮލީކޯޓު ހުޅުވުންވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.