ޓެރަރިޒަމަށް ހިތްވަރުދީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި، އެ ޕާޓީގެ އާންމު މެންބަރަކު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެ ދެ ބޭފުޅުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޕީއެންސީން ގޮވާލައިފިއެވެ.
ޓެރަރިޒަމަށް ހިތްވަރުދީ އެމްޑީޕީން ވާހަކަ ދައްކަމުންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ޕީއެންސީއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ކުރީގެ ރައީސް އަމީނާމެދު ކަން ހިނގައިދިޔަ ގޮތަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އަނދިރި ސޮފުހާއެއް ކަމަށެވެ
ޕީއެންސީން ބުނީ މިއަދު ގާއިމުކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި، ނަފުރަތު ވަނަ ނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށާއި، އެއީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނިޔާވެރި އަމަލުތައް އިއާދަވިޔަ ނުދިނުމަށް ތަރުތީބުކުރެވިފައިވާ ނިޒާމެއް ކަމަށެވެ.
މި ނިޒާމުގެ އަސާސްތަކާ ޚިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާންމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރިކުރުމުގެ ބަދަލުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް އެ ވާހަކައަށް އިތުރަށް ހިތްވަރުދެއްވައި ވާހަކަ ދެއްކެވުމަކީ ނުރައްކާތެރި އަމަލެއް ކަމަށް ޕީއެންސީން ބުންޏެވެ.
އެހެންކަމުން ފައްޔާޟާއި، އެމްޑީޕީގެ އާންމު މެންބަރު ހިންގެވި މި އަމަލު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީއެންސީން ވަނީ ގޮވައިލާފައެވެ.
ދާދިފަހުން ކުޅުދުށްފުށީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ މެންބަރަކު ވަނީ ކުރީގެ ރައީސް މުޙައްމަދު އަމީން ”ކުޅުނީ ދުންފަތާ” ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ”ކުޅުނީ ގާނޫނުއަސާސީއާ” ކަމަށެވެ. އެހެންކަމުން އަމީންދީދީއަށް ހެދި ގޮތް ރައީސް ޑރ. މުޢިއްޒަށް ހަދަންޖެހޭ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކިއެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލުކުރުމުން ޗެއާޕާސަން ފައްޔާޟް ވިދާޅުވީ ކުޅުދުށްފުށީ ޕޯޑިއަމްގައި އެބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ނަސޭހަތެއްގެ ގޮތުގައި ކަމަށެވެ. އަދި ޕޯޑިއަމެއްގައި ރާއްޖޭގެ ތާރީޚުގައި ހިނގާފައި ހުރި ކަންތައްތައް ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.
”ރައްޔިތުންނަށް ދެރަދިނީމަ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮންގޮތެއްތޯ ހަދާނީ؟” ފައްޔާޟް ވިދާޅުވިއެވެ. ”ރައްޔިތުންނަށް އަނިޔާވެެރިވަންޏާމު ހަމަ ދިވެހި ތާރީޚުގެ ފޮތްތަކުން ދިވެހި ރައްޔިތުން ކުޅޭނީ.”
Mihaaru. Hifaa. Hayyaru koh thahugeeg küran jehey
Furathama jalah vaanuvaaga 4 aharu dhen thahugeegu meehaku maran govumuge adhsbu umirah jalah ok
އަވަސްކުރޭ