އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށް އިއުލާން ކޮށްފިއެވެ. މި އިޢުލާނާ ގުޅިގެން، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އެ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯމު ހުށައަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ފޯމާއި އެހެނިހެން ލިޔުންތައް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސްގެ ގޮތުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ރުފިޔާ ދޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ނަމަވެސް ފައިސާ ދޫކުރެވޭނީ ގިނަވެގެން މިސްކިތަކަށް ދެ ދިވެހިންނަށް ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ނަމާދު ކުރާނެ ދިވެހިން ހޯދުމަށްވެސް އިޢުލާން ކޮށްފައިވާއިރު، އެ ދެ މަރުކަޒުގައި ނަމާދު ކުރާ ކޮންމެ ރެޔަކަށް 700 ރުފިޔާ ދޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަމަޟާންމަހު ތަރާވީޙު ނަމާދު ކުރަން ރާއްޖެއިން ބޭރުގެ ހާފިޒުން ގެނައުމަށް ހުއްދައަށް އެދުމުގެ ފުރުސަތުވެސް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ އެލަވަންސްއެއް ދޭންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރާއްޖޭގައި ޙިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި ދީނީ ދާއިރާ އަދި އެފަދަ ދާއިރާއަކާ ގުޅޭ މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ ޙާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.