ނެސްކެފޭ ޕައުޑަރު 500 ގުރާމުގެ 3 ދަޅާއި ބޮޑު އެކްސެލް ދަޅެއް ގަނެ މިތަކެތީގެ އަގަށްވާ 600 ރުފިޔާ ދެއްކި ކަމަށް ބުނެ ވަގު ސްލިޕެއް ފިހާރައިގެ ވައިބަރ ނަމްބަރަށް ފޮނުވި މީހަކު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހއ.ހޯރަފުށީ / އާސްތާނާ، އިބްރާހިމް ބައްޝާރު ހަމީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާތަކަށް އިބްރާހިމް ބައްޝާރު ހަމީދު ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސިޓީއަކާއި ވައިބާ ކުރި ޓްރާންސްފާ ސްލިޕް ރިފަރެންސް ނަންބަރުގައި ހަދާފައިވާ ސްލިޕުވެސް ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު އޭނާ ވިޔަފާރި ކުރި ތަކެތީގެ އަގަށްވާ ފައިސާ ފިހާރައިގެ އެކައުންޓަށް ނާންނަ ކަމަށާއި އެދުވަހު އިބްރާހިމް ބައްޝާރު ހަމީދު އަނެއްކާވެސް ފިހާރައަށް އައިކަން ސީސީޓީވީގެ ފުޓޭޖުންނާއި ޅ.ހިންނަވަރު / ގުލްފާމުގޭ މުހައްމަދު އިޝްވާނު އިބްރާހިމްގެ ހެކިބަހުން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި އިބްރާހިމް ބައްޝާރު ހަމީދު ބުނެފައިވަނީ ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ ސިމްގެ ރަޖިސްޓްރީ ނަންބަރު އިންނަނީ އެފަރާތުގެ ނަންމަތީގައި ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ޖޫރިމަނާ ދެއްކޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

