ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން 2025 ވަނަ އަހަރުގެ އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ސްޕޯޓްސް ފިޝިން (ވާދަވެރި މަސްވެރިކަން) މުބާރާތް “ބުރުނު ބޮމަ” މާދަމާރޭ އިއުލާންކުރުމަށް ހަމަޖެހިއްޖެއެވެ. މި މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަގްވާމީ ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ މުބާރާތެކެވެ.
ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް އަޙުމަދު ސާއިފު ވިދާޅުވީ މިއީ 2025 ވަނަ އަހަރަށް ކުލަބުން ކުރިއަށްގެންދިއުމަށް ރާވާފައިވާ އެންމެ ބޮޑު ހަރަކާތް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ދިވެހިރާއްޖޭގައި ހުރި ސްޕޯޓްސް ފިޝިންފަދަ އެކިއެކި ސްޕޯޓްސް ޓޫރިޒަމްގެ ފުރުސަތުތައް ދުނިޔެއަށް އިޝްތިހާރުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގައި މަސް ބޭނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށެވެ. އަދި “ކެޗް އެންޑް ރިލީޒް” ފަދަ ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރު އެޅުމުގެ އުކުޅުތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ޝިއުރީ ވިދާޅުވީ މި މުބާރާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރާ މަސައްކަތްތައް ކުރިއެރުވުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަކާދަތައް ދުނިޔެއަށް އިޝްތިހާރުކުރުމަކީ ވަރަށް ބޮޑު މަގުސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މުބާރާތުގެ އިންތިޒާމުތަކަށް ސިނާއަތުގެ އެކި ފަރާތްތަކާއި އެހެނިހެން މުވައްސަސާތަކުން ލިބެމުން އަންނަ ތަރުހީބާއި އެހީތެރިކަން ވިޒިޓް މޯލްޑިވްސް ކްލަބުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. “ބުރުނު ބޮމަ” މުބާރާތުގެ ސަބަބުން ބައިނަލްއަގްވާމީ މަސްވެރިން ރާއްޖެ ގެނައުމާއި ސްޕޯޓްސް ޓޫރިޒަމްގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ ހެދުމަށް އުއްމީދުކުރެވެއެވެ.