ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގަށް މަގުފަހި ކުރުމަށްޓަކައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފިއެވެ.
ބިންވެރިޔާގެ މައްސަލަ ހޫނުވެގެން ދިޔައީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އޭރު ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އެ ސްކީމުގެ ޝަރުތު ހަމަނުވާ ލިސްޓުގައި އޮއްވައި، ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. މައްސަލައާ ގުޅިގެން ފަޒުލް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ.
މި މައްސަލައިގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ ހުރިހާ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ބޯޑު މެމްބަރުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
ނާސިފް މީޑިއާ އަކަށް މައުލޫމާތު ދިންގޮތުގައި، ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޑީސީން އަންނަނީ އަޅަމުންނެވެ. އެހެންވެ، ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ މަރުހަލާ އަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަން ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް އެންމެ މުހިންމީ ކުންފުނީގެ ޕަބްލިކް އިމޭޖު ރަނގަޅު ކުރުން. ނަޒާހަތްތެރިކަން ދެމެހެއްޓުން. އެޗްޑީސީގެ ތާރީހަށް ބަލާއިރު އެއީ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއް. އެސްޓެބްލިޝްޑް ޕޮލިސީތަކާއި ގަވާއިދުތައް ހުންނާނެ. އެހެންވީމާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް، ތަހުގީގަށް އެއްބާރުލުން ދޭނެ،” ނާސިފް ވިދާޅުވިއެވެ.
އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު ވަނީ އައްޔަންކޮށްފައެވެ.