ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތާއި އެއާ އިންވެގެން ހުރި ގްރީން ބިލްޑިންގައި މި މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނު އެންމެން މިހާރު އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ 3 އިމާރާތެއްގެ 7 ގޭބިސީއަކުން ޖުމްލަ 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު 5 މީހުން އެމީހުންގެ އަމިއްލަ ގެއަށް ބަދަލުކުރެވުނު އިރު، ބާކީ ތިބި މީހުން އިއްޔެ އެމީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކުރެވުނެވެ. އެ އޮތޯރިޓީން އިތުރަށް ހާމަކުރި ގޮތުގައި، ހުރިހާ ގެއެއްގެ މަރާމާތަށް އުސޫލުގެ ތެރެއިން އެހީ ދިނުމަށްފަހުގައެވެ މި މީހުން އަނބުރާ ގެތަކަށް ބަދަލުކުރެވުނީ.
މި ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާވެށްޓާ ބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގޭގެއަށްވެސް ގެއްލުން ލިބުނެވެ.
މި ހާދިސާއާ ގުޅިގެން، އެ ވުޒާރާތައް ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތްދޭން ފަށާފައެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ހާދިސާ އެވެ.

