ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނާ ހިލާފު ވެގެން މިހާތަނަށް 9 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހާމަ ކޮށްފިއެވެ.
ފުލުހުން ބުނީ، އާދީއްތަ ދުވަހުގެ ނިޔަލަށް ޖުމްލަ 50،000 ރުފިޔާގެ ޖޫރިމަނާއެއް މި 9 މީހުންގެ މައްޗަށް ކޮށްފައިވެއެވެ. މީގެ ތެރެއިން އެއް ފަރާތެއް ސައިކަލު ދުއްވަމުން ވޭޕް ބޭނުންކުރި މައްސަލައިގައި 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާ ކުރާ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާ ގުޅުންހުރި ތަކެތި އެތެރެކުރުމުން 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުންގެ ހިދުމަތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީޢާއިން ކުރު މެސެޖެއް ފޮނުވާނެއެވެ. މި މެސެޖުގައި ޖޫރިމަނާ ދެއްކުމަށްޓަކައި ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ހުންނާނެއެވެ.
ފުލުހުންގެ ހިދުމަތުން ވަނީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.