ޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއި ގުޅިގެން، އެ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލު ގެންނަވައިފިއެވެ. މި ބަދަލުތައް ގެނެވުނީ ބުރާސްފަތި ދުވަހުއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އުވާލެވުނު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ބިން ބޭނުންކުރުމާއި، އަރބަން ސަރަހައްދުތައް ތަރައްޤީކުރުމާއި، ޤައުމީ ތަރައްޤީ ރޭވުމާއި، އަދި ތަފާސްހިސާބުގެ މަސައްކަތްތައް ހިމެނެއެވެ.
އަދި ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާއި ސޯޝަލް ހައުސިންގއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. މި ބަދަލާ ގުޅިގެން، މި މިނިސްޓްރީގެ ނަން ވަނީ ބަދަލުވެފައެވެ.
މީގެ އިތުރުން، ކުރިން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ “މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް” މިހާރު ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުންނެވެ.
މި ބަދަލުތަކާ ގުޅިގެން، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީތަކުގައި ނަންބަރު ޖެހުމަށްވެސް ބަދަލުތަކެއް ގެނެވިފައިވެއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ލިޔާ ސިޓީތަކުގައި ޖަހާނީ ނަންބަރު 13 އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ލިޔާ ސިޓީތަކުގައި ޖަހާނީ ނަންބަރު 491 އެވެ.
މި ބަދަލުތަކާ ގުޅިގެން އައްޔަންކުރެވުނު އައު ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އައު ވަޒީރުން ވަނީ ހުވާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓްރީތަކުގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އިރުޝާދު ދެއްވާފައެވެ.