ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި އަދި ދިވެހި ބޭސްވެރިކަމުގައި ތޮރާ އަކީ ވަރަށް މުހިންމު މަގާމެއް ދެވިފައިވާ ތަރުކާރީއެކެވެ. މި ފައިދާ ބޮޑު ތަރުކާރީގެ ބާވަތަކީ ކެލޮރީ މަދު، ނަމަވެސް ފައިބަރު ގިނަ، އަދި ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. މިއަދުގެ ފަތިސްތަރިން، ދުވަހުގެ ފެށުމަކަށް ބަލައިލާނީ، ތޮރާގެފައިދާ ތަކަށާއި ތޮރާގައި ރިހަ ކައްކާނެ ގޮތެވެ. މިއީ ރަހަމީރު އަދި ފައިދާ ހުރި ރިހައެކެވެ، ބަތާއެކު ނޫނީ ރޮށްޓާއެކުވެސް ކެވޭނެއެވެ.
ތޮރާ މިއީ ފުރަމޭ، ބަނޑު، އަދި ގުރުދާއަށް ވަރަށް ރަނގަޅު ތަރުކާރީގެ ބާވަތެކެވެ. މީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފައަކީ ގޮހޮރު ސާފުކުރުމަށް އެހީތެރިވެދޭ ކަމެވެ. ތޮރާ ގައި ހުންނަ ފައިބަރުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅަށް މަސައްކަތްކޮށް، ބަނޑުގެ ސިއްހަތު ރަނގަޅުވެއެވެ.
ހަމައެހެންމެ، ތޮރާއަކީ އަރިދަފުސް ބޭރު ކޮށްދީ، ލޭސާފުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ، ލޭ ސާފުކޮށްލަދޭތީވެ، ލޭގައި ހުންނަ ޖަރާސީމުތަކުން ސަލާމަތްކޮށްދީ އިތުރުވެ، އަދި ތޮރާ މިއީ ހަށިގަނޑުން ހޫނު ބޭރުކޮށް ހަށިގަނޑު ފިނިކޮށްދޭ ބާވަތެއްކަން ފާހަގަ ކޮށްލެވެއެވެ. މިކަން ހާއްސަކޮށް ހޫނު މޫސުމުގައި ވަރަށް މުހިންމެވެ. ތޮރާގެ އަނެއް މުހިންމު ހާއްސިއްޔަތަކީ ހަށިގަނޑުން ވިހަ ބޭރު ކޮށްދިނުމެވެ. މިކަމުގެ ސަބަބުން ހަށިގަނޑު ސާފުވެ، އިމިއުން ސިސްޓަމް ވަރުގަދަވެއެވެ. އަދި ތޮރާ މިއީ ދުޅަހެޔޮކަން އިތުރު ކޮށްދިނުމުގެ ބާރު ހުންނަ ބާވަތެކެވެ.

ތޮރާ ވެޔޮ/ ފޮޓޯ:ރާއްޖެއެމްވީ
ތޮރާގެ އިތުރު ފައިދާއެއްގެ ގޮތުގައި ފަންގަސް އާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރުން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ފަންގަސް އިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ނޭވާހިއްލުން ހުންނަ މީހުންނަށްވެސް ތޮރާ މިއީ ހަމަ އެއްވަނައިގެ ތަރުކާރީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. ތޮރާއަކީ ކެލޮރީ މަދު، ފައިބަރު ގިނަ، އަދި ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ތަރުކާރީއެކެވެ. މިފަދަ ފައިދާ ބޮޑު ކާނާ އަޅުގަނޑުމެންގެ ދުވަހުގެ ކެއުމުގެ ތޮރައަކީ ކެލޮރީ މަދު، ފައިބަރު ގިނަ، އަދި ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ތަރުކާރީއެކެވެ. މިފަދަ ފައިދާ ބޮޑު ކާނާ އަޅުގަނޑުމެންގެ ދުވަހުގެ ކެއުމުގެ ވައްޓަފާޅީގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. ތޮރާގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ހަށިގަނޑުން ވިހަ ބޭރުވެ، އިމިއުން ސިސްޓަމް ވަރުގަދަވެ، އަދި އާންމު ސިއްހަތު ރަނގަޅުވެއެވެ.
ތޮރާ ކެއުމުގެ އިތުރު ފައިދާއެއްގެ ގޮތުގައި، މިއީ ލޭގެ ޕްރެޝަރު ދަށްކޮށް ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ތޮރާގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. ތޮރާ ކެއުމުގެ އެހެން ފައިދާއެއްގެ ގޮތުގައި، މިއީ ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއްކަން ފާހަގަކުރެވެއެވެ. ތޮރައިގައި ކެލޮރީ މަދުވުމާއި، ފައިބަރު ގިނަވުމުގެ ސަބަބުން، ގިނަ ވަގުތު ބަނޑުފުރާލައިގެން ހުރެވޭތީ، ކެއުމުގެ އާދަތައް ރަނގަޅުކުރުމަށް މަގުފަހިވެއެވެ.

ތޮރާ ކިރުގަރުދިޔަ/ ފޮޓޯ:ލޮނުމެދު
ތޮރާ ގައި ރިހަ ތައްޔާރުކުރާނެ ގޮތް/ ކިރުގަރުދިޔަ ގޮތަށާއި އަދި ހިކިކޮށް ވެސް ހެދިދާނެ ގޮތް
- 1 ތޮރާ
- 1 ބޮޑު ފިޔާ
- 2 ލޮނުމެދު
- ¼ އިންޗީގެ އިނގުރު
- 2 ތޮޅި މިރުސް
- ½ ޖޯޑު ކޮށާފައިހުރި ވަޅޯމަސް
- 1 މޭޒުމަތީ ސަމުސާ ތުނިކޮށް ކޮށާފައި ހުރި ހުތް އަނބު
- 15 ހިކަނދި ފަތް
- ½ ސައިސަމުސާ ރީނދޫ
- 1 ސައިސަމުސާ ލޮނު
- 6 އިންޗީގެ ރާނބާ
- 2 ޖޯޑު ފެންކިރު
- ¼ ޖޯޑު ބޯކިރު
ތޮރާ މެށުމަށްފަހު މެދުން ފަޅާލައު ދެން ކޮންމެ ފަޅިއެއް ދޮޅު އިންޗި ނުވަތަ 2 އިންޗީގެ ނޫނީ ވަށްކޮށް ފަޅާނުލައިވެސް ކޮށާލެވޭނެއެވެ. ފިޔާ ތުނިކޮށް ކޮށުމަށްފަހު، ލޮނުމެދާއި އިނގުރު ޗަސްކޮށްލާށެވެ. އަދި ފިޔާ، ލޮނުމެދު، އިނގުރު، މިރުސް، ވަޅޯމަސް، ހުތް އަނބު، ހިކަނދިފަތް، ރީނދޫ އަދި ލޮނު ތެއްޔަކަށް އަޅާށެވެ. އަތަށް ކައްކާ އަންގި އެރުވުމަށްފަހު، ނޫނީ އަތްދޮވެގެން ސާފުއަތުން ވިޔަސް ރަނގަޅަށް އެއްކޮށްލާށެވެ.
ތޮރާ ކޮޅާއި ރާނބާފަތް އަދި ފެންކިރު ތެއްޔަށް އަޅައި، ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މަޑު ގިނީގައި ތޮރާ ކޮޅު މަޑުވަންދެން ކައްކައި ދެން ބޯކިރު އަޅާ އެއްކޮށްލާށެވެ. އެއިރުން އެ ނިމުނީއެވެ.
ބޭނުމިއްޔާ ރަހަ ބަލާލާފައި ލޮނު ހެޔޮވަރު ކޮށްލެވިދާނެއެވެ. މިއީ ހަވާދުގެ ބާވަތްތައް ނާޅައި ކިރުގަރުދިޔަ ގޮތަށް ތޮރާ ރިހަ ތައްޔާރުކޮށްލާނެ ގޮތެވެ..

ހަވާދުލީ ތޮރާ ރިހަ
- 500 ގްރާމު ތޮރާ (މަށާފައި ވައްކޮށް ކޮށާފައި)
- ހުނި
- ހިކިމިރުސް
- 1 ފިޔާ
- ބައި ސައިސަމުސާ ދިރި
- އަސޭމިރުސް
- ލޮނުމެދު
- އިނގުރު
- ވަޅޯމަސް
- 2 މޭޒުމަތީސަމުސާ ތެޔޮ
- ރީނދޫ
- ލޮނު
- ރާނބާފަތް
- ހިކަނދިފަތް
* ތައްޔާރު ކުރާނެ ގޮތް:
ހިކިމިރުސް، ފިޔާފަޅިއެއް، ދިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ރީނދޫ، ހިކަނދިފަތް އަދި ހުނި އެއްކޮށްފައި، ހިމުންކޮށް ފުނޑާލާށެވެ. އަނެއް ފިޔާފަޅި މީރުކޮށްލާފައި، ފިޔާކޮޅު މޯޅިވީމައި ފުނޑި ހަވާދުކޮޅު އޭގެ ތެރެއަށް އަޅާލުމަށް ފަހު، ކޮށާފައި ހުރި ތޮރާ ކޮޅާއި ވަޅޯމަސް، ރާނބާފަތް އަޅާފައި، ލޮނުކޮޅެއް އަޅައިގެން ކައްކާށެވެ.
ކައްކާނީ މަޑު ގިނީގައި، މަތި ޖަހައިގެން ތޮރާ ކޮޅު ރޯ ފިލަންދެންނެވެ. ކައްކާ އިރު ރަނގަޅަށް އެއްކުރަން ވާނެ އެވެ. ތޮރާ ކޮޅު ރޯފިލީމައި ލޮނު ހެޔޮ ވަރުކޮށްލާށެވެ. ބޭނުންނަމަ ފެންކިރުފޮދެއް އެޅިޔަސް އެންމެ ރަނގަޅެވެ. ނޫނީ ހިކިކޮށް ބެހެއްޓިޔަސް އެންމެ ރަނގަޅެވެ.

