ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު ޅ. އަތޮޅުގެ ރިސޯޓެއްގައެވެ.
ފުލުހުން މައުޢުލޫމާތު ދިން ގޮތުގައި، އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 8:33 ހާއިރުއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި ފަރާތަކީ ޖަޕާނުގެ މަޖިލިސް މެންބަރެއް ކަމަށްވާ ޓޮޝިޔުކި އަޑާޗިއެވެ. އެ މީޑިއާތަކުން ބުނާ ގޮތުގައި ސެނެޓަރުގެ މަރަކީ ކަނޑުމަތީގެ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށް ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ބައެއް މަސްދަރުތަކުން ބުނެފައިވެއެވެ.
އަޑަޗީގެ މި ދަތުރަކީ ވިޔަފާރިއެއްގައި ޑިސެމްބަރު 25، 2024 އިން ޖެނުއަރީ 6، 2025 އަށް ޝެޑިއުލް ކުރި ދަތުރެއްކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އަދި ޖަޕާނާއި ރާއްޖޭގެ ސަރުކާރުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުންވެސް އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.