ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއެކު، ރަސްމާލެ ޕްރޮޖެކްޓް, 3 ގުނައަށް އަވަސްކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މި ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ދެއްކެވީ ކ. ގުޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
މި އަހަރަކީ ތަރައްޤީގެ މަޝްރޫޢުތައް އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަށްދާނެ އަހަރުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުގެ މަޝްރޫޢުތައް ރެކޯޑު އަދަދަކަށް ހިންގޭނެކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ ރައްޔިތުންނަށް މުއްސަނދިކަން އިހުސާސްކުރެވޭނެ އަމަލީ މަސައްކަތްތަކެއް ފެށިގެންދާނެ އަހަރެއްކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް އަންނާނެ މަޝްރޫއެވެ. އަދި މިއީ އެއް ފަސްގަނޑަކުން އެންމެ ގިނަ މީހުން އާބާދުވާނެ އެންމެ ބޮޑު މަޝްރޫއު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިހާރު އަމަލީ ގޮތުން ބިން ހިއްކުން އެ ހިނގަނީ. އިރާދަކުރެއްވިއްޔާ އިތުރު ބައެއް ކޮމްޕެނީތަކުން އެތަނަށް އިތުރު ޑްރެޖަރު މޮބިލައިޒް ކުރުވައިގެން، އެއްފަހަރާ އެތައް މަޝްރޫއުތަކެއް، އެތައް ފަރާތްތަކުގެ މަސައްކަތް އެތަނުގައި ފަށަން މި މަސައްކަތް ކުރަނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި މަހުގެ ތެރޭގައި ބަޖެޓުގައި ކަނޑައަޅާފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާން ކުރެވޭނެއެވެ. އަދި އެކި ފަރާތްތަކާ މަސައްކަތް ހަވާލުކުރެވިގެންދާ ތަރުތީބުގެ ތެރެއިން މި އަހަރަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ 2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހަދާނެ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މި ސަރަހައްދަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

