ނިމިދިޔަ ސަރުކާރު ނިމުމަކަށް އައި އިރު، ގައުމީ އެއާލައިން ހިންގަމުން އައި އައިލެންޑް އޭވިއޭޝަން ކުންފުނި އޮތީ ދެ ބިލިއަން ރުފިޔާއިން ދަރާފައި ކަމަށާއި މިސަރުކާރުން މޯލްޑިވިއަންގެ މި ބޮޑު ދަރަނިން ސަލާމަތް ކޮށްދޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ 2000 ވަނަ އަހަރު ހަތަރު މިލިއަން ރުފިޔާގެ ޕެއިޑަޕް ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓު ހިއްސާ ހިމެނޭ ކުންފުންޏެއް ކަމަށެވެ. 2018 އަހަރު ނިމުނު އިރު ކުންފުނީގެ އެސެޓް ވެލިއު އަކީ 2.8 ބިލިއަން ރުފިޔާ ކަމަށާއި، އެ އަހަރު 2 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ ކުންފުންޏަށް ލިބިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“ކުންފުނީގެ ނެޓްޕްރޮފިޓަކީ 2018 ވަނަ އަހަރު 89 މިލިއަން ރުފިޔާ” ކަމަށް ވިދާޅުވި މިނިސްޓަރ އަމީން، 2018 ވަނަ އަހަރު ނިމުމާ ހަމައަށް ދައުލަތަށް ޑިވިޑެންޑު ދައްކަމުން އެ ކުންފުނި ކުރިއަރާފައިވަނީ ރަނގަޅު މިސްރާބެއްގައި ކަންވެސް ފާހަގަކުރެއްވިއެވެ.
“ނަމަވެސް ހަގީގަތަކީ 2023 ނިމުނު އިރު އެންމެ ފަސް އަހަރު ދުވަސްތެރޭގައި ކުންފުނި އޮތީ 2 ބިލިއަނަށްތުރެ ބޮޑު ދަރަނީގަ. މިއީ ހަގީގަތް” ކަމަށް ވިދާޅުވި މިނިސްޓަރ، މޯލްޑިވިއަންގެ ގިނަ އޮޕަރޭޝަންތައް ހުއްޓިފައިވާ ކަމަށާއި، ކުންފުނީގެ އެސެޓްތައް ނުބެލެހެއްޓުމާއި މުހިއްމު ވިޔަފާރިތައް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުން، މޯލްޑިވިއަން ގެ އޮޕަރޭޝަންސް އާއި ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއެކު ކުންފުނީގެ ނަތީޖާ ރަނގަޅުކޮށްގެން “ރިކަވަރ” ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވައިޑްބޮޑީ އެއާކްރާފްޓުގެ އޮޕަރޭޝަންވެސް އިތުރު ޑެސްޓިނޭޝަންތަކަށް ފުޅާކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާ ބޯޓު ރަސްމީކޮށް އިފުތިތާހު ކުރުން/ ފޮޓޯ:ވޮއިސް. އެފްބީޕޯސްޓުން
މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޒުވާން ޕްރޮފެޝަނަލުންގެ އުންމީދަކީ ދިވެހިރާއްޖެއަކީ ވެސް އެހެން ޤައުމުތަކެކޭ އެއްފަދައިން، ދުރުރާސްތާ ދަތުރުތައް ކުރުމުގެ ޤާބިލުކަން ހުރި ވަރުގަދަ އެއާލައިނެއް އޮތުން ކަމަށެވެ. އަދި މި ދާއިރާގެ މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންގެ އުންމީދުތަކަށް އާ ދިރުމެއް ގެނެސްދެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮށްދެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ސެކްޓަރ ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށާއި، ޤައުމީ އެއާލައިންގައި ވައިޑް ބޮޑީގެ އެއަރކްރާފްޓް ޝާމިލުކުރުމަކީ އެ ވަޢުދުގެ ތެރެއިން ކަމެއް ކަމަށެވެ. އަދި އެއާރބަސް އޭ330 ވައިޑްބޮޑީ އެއަރކްރާފްޓެއް ދާދި އަވަހަށް މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރަން ފެށޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
“މިއަދަކީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ލިބޭ ދުވަހެއް. ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި އެތައް ސަތޭކަ ޒުވާން ޕްރޮފެޝަނަލުންނެއް، ޕައިލެޓުންނާއި އިންޖިނޭރުން، ޓެކްނީޝަނުންނާއި އަދި މި ދާއިރާގައި ހިމެނޭ ހުރިހާ ބޭފުޅުން ވެސް އުއްމީދަކީ ދިވެހިރާއްޖެއަކީ ވެސް އެހެން ޤައުމުތަކެއް އެއްފަދައިން، ދުރުރާސްތާ ދަތުރުތައް ކުރުމުގެ ޤާބިލުކަން ހުރި ވަރުގަދަ އެއާލައިނެއް އޮތުން,” މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އަމީން ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން އައިލެންޑް އޭވިއޭޝަންގެ ކަންކަން ބެލެހެއްޓުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން ކުންފުނި މިހާ ބޮޑު ދަރަންޏަކަށް ވެއްޓުނު ނަމަވެސް، މިހާރުގެ ސަރުކާރުން ގެންނަ ބަދަލުތަކާއެކު ކުންފުނި އަލުން ރަނގަޅު މަގަށް އެޅުވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ވައިޑްބޮޑީ އެއަރކްރާފްޓް ތަޢާރަފުކުރުމާއެކު، މޯލްޑިވިއަންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

