މިއަދު ސޯޝަލްމީޑިއާގައި އެންމެ ހޫނުކޮށް ޝެއާވަމުން ދިޔައީ ރާއްޖޭގެ ދީނީ ކަންކަމުގައި ނަޞޭޙަތްތެރިވުމުގައި ސޯޝަލްމީޑިއާގެ މަންސަތަކުން އެންމެ ފެންނަ އެއް މޫނު ކަމަށްވާ ކުރީގެ ލަވަކިޔުންތެރިޔާ ޢަލީރަމީޒާއި ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ދުވަސްވީ އެއްބަޠަލާ، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ މުނިފޫހިފިލުވުމާއިހިތްހަމަޖެހުުމުގެ އެކުވެރިޔާ ނިއުމާގެ ވާހަކައެވެ. އަލީރަމީޒާއި ނިއުމާއާ ދެމެދު ބަދަލު ކުރެވުނު މެސެޖުތަކެއްގެ ވާހަކައެެވެ.
ނިއުމާ ވަނީ ދާދިފަހުން މާލޭގެ ދިރިއުޅުން ދޫކޮށް ފ އަތޮޅު ނިލަންދޫއަށް ބަދަލުވެފައެވެ. ސީދާ މިވެނިކަމެއް ވެގެންކަމެއް ނޭނގުނު ނަމަވެސް ނިއުމާ ވަނީ އޭނާގެ ފޭނުންނަށް އޭނާގެ ހާލަތު މިވަގުތު އެހާ ރަނގަޅު ނޫންކަމަށާއި އެހެންކަމުން މިވަގުތަށް މާލޭގެ ދަތި ދިރިއުޅުން ދޫކޮށް އަތޮޅުތެރޭގެ ރަށަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ. ނިއުމާގެ މިބަދަލުވުމާ ގުޅިގެން ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް ދީނީ އިލްމުއުނގެނެމުންދާ އަދި އެހެންމީހުންނަށް ނަސޭހަތްތެރިވަމުންދާ އަޚް އަލީރަމީޒު އޭނާގެ އުޚުތާއަށް ނަސޭހަތްތެރިވުމުގައި ބޭނުން ކުރި ބަސްމަގު ޔަގީނުންވެސް އެއީ އިސްލާމްދީނުގައި އަނެކުންނަށް ނަސޭޙަތްތެރިވުމުގައި ބޭނުންކުރާފަދަ ގޮތަކަށް ވިދާޅުވެފައިވާ ބަސްތަކެއްހެނެއް ބަލާ އަދި އަޑުއަހާ މީހަކަށް ހިއެއް ނުވާނެއެވެ.
ނިއުމާއަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ، އަލީ ރަމީޒު، “އުޚްތާ” އަކަށް ނަސޭހަތްތެރިވުމުގައި ބޭނުންކޮށްފައި ހުރި ބަސްތަކުން ނިއުމާގެ ހިތަށް އަސަރުކުރީއެވެ. އަދި ނިއުމާ އޭނާގެ ހާލަތު ނޭނގި އެފަދަ ގޮތަކަށް ބަސްބުނުއްވުމުން ރައްދު ދެއްވިއެވެ.
އަލީ ރަމީޒު ވިދާޅުވީ ފިލްމާއި މިއުޒިކުން ލިބޭ އިޙްތިރާމާއި ލޯބި އަކީ ޙަޤީޤީ އެއްޗެއް ނޫން ކަމަށާއި، އެއީ ޝައިޠާނާގެ ވަސްވާހެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިފަދަ ޙަރާމް މަސައްކަތްތަކުން ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށާއި، ތައުބާވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ދިރިއުޅުމަށް ނަސޭޙަތްތެރިވިއެވެ.
“މުޑުދާރު ފިލްމުތައް ކުޅުމާއި މިއުޒިކް ކުޅުން ފަދަ، ﷲ ޙަރާމް ކުރައްވާފައިވާ މަސައްކަތްތަކުން ލިބޭނެ ހިތްހަމަ ޖެހުމެއް ނޯންނާނެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ. އެފަދަ މަސައްކަތްތަކުން މީހުންގެ އިޙްތިރާމާއި ލޯބި ލިބޭ ކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށިބުއްދިއަށް ޝައިޠާނާ ވައްދައިދޭ ވަސްވާސްތަކެއް. ޙާލުގައި ޖެހޭ ދުވަހު އެއްކަލަ ‘ލޯބިވީ’އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް. އެއީ ކީއްވެ؟ އެއީ، އެމީހުން އެވީ ޙަޤީޤީލޯބި ކަމުގައި ނުވާތީ. ﷲ އަށް ތައުބާވެ ތިޔަ މުޑުދާރުމަސައްކަތުން ދުރުވެ، އިއްފަތްތެރިމުސްލިމެއްގެ ގޮތުގައި ޙަޔާތުގެ ދެންބާކީ އޮތް ބައި ހޭދަކުރުމަށް ތިޔަ އުޚްތާއަށް އަޅުގަނޑު ހެޔޮ ހިތުންނަޞޭޙަތްތެރިވަން. ފަލާޙާއި ކާމިޔާބު ޙާޞިލުވާނީ ﷲ އަށް ފުރިހަމަ ގޮތުގައިކިޔަމަންވެގެން.” އަލީރަމީޒް
މި ވާހަކަތަކަށް ރައްދު ދެމުން ނިޢުމާ ބުނީ ކިތަންމެ ރަނގަޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެ ކަމަށާއި ދީނީ އިލްމުވެރިންނަށްވުރެ ވަކިން ބޮޑަށް އެކަން އެންމެ ބަޔަކު ނުތިބޭނެ ކަމަށެވެ. އިލްމުވެރިން އެހެން މީހުންނަށް ނަސޭޙަތްތެރިވާންވާނީ ވާނުވާ އެނގިގެން ކަމަށާއި، އޭނާގެ މަސައްކަތަކީ ޙަލާލު މަސައްކަތެއް ކަމަށާއި ދުވަހަކުވެސް މުޑުދާރު އޮރިޔާން ފިލްމެއް އޭނާ ކުޅެފައި ނުވާނެ ކަމަށެވެ.

ނިއުމާ މުހައްމަދު، އަދި އަލީރަމީޒު
އަދި ހަމައެހެންމެ އޭނާގެ މަސައްކަތުގެ މާހައުލަކީ ބަންދުކޮޓަރިއެއް ތެރެ ނޫންކަމަށާއި އެތައް ބައެއްގެ މެދުގައި ހުރެގެން ކުރާމަސައްކަތަކުން އޭނާ ހޯދި ފައިސާ ކަމަށެވެ. މުޑުދާރުލަވަކުޅެގެން އޭނާ ލާރި ނުހޯދާ ކަމަށާއި މުޑުދާރު މަސައްކަތޭ ބުނާއިރު އަލީރަމީޒު ލަވަކިޔައިގެން ލިބުނު ލާރިގަނޑު ކޮބައިތޯ ނިއުމާ ވަނީ ސުވާލުވެސް ކޮށްފައެވެ.
ނިޢުމާ އިތުރަށް ފާހަގަކުރީ އަލީ ރަމީޒު، ރާއްޖޭގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ މީހުންނާ ދެކޮޅަށް އަޑު ނުއުފުލާ ކަމަށާއި، ސޯޝަލް މީޑިއާގެ ކޮންމެ ޚަބަރަކާ ގުޅިގެން މީހުންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ރަނގަޅު ގޮތެއް ނޫންކަމެވެ.
“އަލީ ރަމީޒް މެން ކަހަލަ ދީނީ އިލްމުވެރިންނަށް ވާނުވާ އެނގިގެން އެއްޗެހި ކިޔާ ނަމަ ދޯ، ކިތަންމެ ރަނގަޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެ، އެކަން އެންމެ ރަނގަޅަށް އިނގޭނެ މީހުންނަކީ މި އިލްމުވެރިން. މަ މީ އޮރިޔާން ފިލްމު ކުޅެގެން މަޝްހޫރުވި މީހެއް ނޫން. މަ ފިލްމު ކުޅުނީ ބަންދު ކޮޓަރިއެއްގަ ވެސް ނޫން. އެތައް ބަޔަކު ތިބެގެން އެންމެންނަށް ފެންނަ ގޮތަށް ކުރި ޙަލާލު މަސައްކަތްތަކުން މަ ހޯދީ ފައިސާ! މުޑުދާރު ލަވަ ކިޔައިގެން މީނައަށް ލިބުނު ލާރި ގަނޑަށް ކީއްބާކުރީ! ސޯޝަލް މީޑިއާއިން ފެންނަ ޚަބަރަކަށް ބަހުސްކޮށް މީހުންނަށް އެއްޗެހި ކިޔުން އެއީ އެންމެ ދީނީ ގޮތް!؟ މި ޤައުމުގަ އޯރިޔާމުން އުޅޭ ވިޔާނުދާ ކަންތައް ކުރާ މީހުންނާ އިދިކޮޅަށް ދުވަހަކުވެސް ބަހެއް ނުބުނޭ، ކޮންމެހެން މަށާ ބެހެން ޖެހޭނެ ކަމެއް ނެތް އަލީ ރަމީޒަކަސް.” ފިލްމީ ބަޠަލާ ނިޢުމާ މުޙައްމަދު
ކޮންމެއަކަސް މިހޫނު ރައްދާއެކު ސޯޝަލްމީޑިއާގައި އެކިމީހުން އެކިގޮތަށް ވާހަކަދައްކަމުންނެވެ. އެއްބަޔަކަށް ނިއުމާ ރަނގަޅުއިރު އަނެއްބަޔަކަށް އަލީރަމީޒު ރަނގަޅެވެ. އެއްބަޔަކު ބުނީ އެގޮތަށް އެއްވެސް މީހަކާ ދިމާއަށް ފާޅުގައި ދެރަކޮށް ކުޑައިމީސްކޮށް ބަސްބުނުމަކީ ނާތަހުޒީބު ޖާހިލު އަމަލެއް ކަމަށެވެ. އަދި އަނެއްބަޔަކު ބުނީ އެއީ އެކަން ކުރަން އެންމެ ރަަނގަޅު ގޮތް ކަމަށެވެ. އެކި މީހުން އެކިގޮތަށް ބަދަލުކޮށްފައިވާ ހިޔާލުތައް ބަލައިލުމުން ދޭހަވާނީ ބޮޑު އެއް ޙަގީގަތެވެ.
މިދެ ބޭފުޅުންނަކީވެސް ރާއްޖޭގެ ކޮންމެވެސް ބައެއްގެ ފޭނުންކަމެވެ، އެއްބަޔަކީ އަލީރަމީޒުގެ ސަޕޯޓަރުންނެވެ، ފޭނުންނެވެ. އޭނަދެކެ ލޯބިވާ މީހުންނެވެ، އެމީހުންނަށް ގޯސްވާނީ ނިއުމާތާ އެވެ. ރަނގަޅުވާނީ އަލީރަމީޒު ނޫންހެއްޔެވެ.
އަނެއްބަޔަކީ ނިއުމާދެކެ އިންތިހާއަށް ލޯބިވާ ނިއުމާގެ ފޭނުންނެވެ، ސަޕޯޓަރުންނެވެ. އަބަދުވެސް އޭނާދެކެ ލޯބިވާމީހުންނެވެ، އެމީހުންނަށް އަލީރަމީޒު ގޯސްވާނެއެވެ. ގޮތަކަށް ބަލަންޏާ ދެފަރާތްވެސް މިއޮތީ ފާޑަކަށް ހަމަހަމެވަފައެވެ. އެކަމަކު ޔަގީނުންވެސް ނިއުމާބުނީ ހިތްދަތިވެފައި ހުރެ ބޮޑު ތެދެކެވެ. ކިތަންމެ ރަނގަޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެއެވެ.
ތެދެކެވެ! އަންނަން އޮތް ހިނދުކޮޅު ދެންވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. ކިތަންމެ ރަނގަޅު މީހަކަށް ވެސް ދަތި ދުވަހެއް އަތުވެދާނެއެވެ!