ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ވިއެޓްނާމްގެ ނެޓްވޯކެއް އަތުލައިގަނެ، އޭގެ ތެރެއިން އެކަކު ޑީޕޯޓްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަސް ބިދޭސީއަކު އަތުލައިގަނެވިފައިވެއެވެ. މި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހަތަރު އަންހެނުންނާއި އެއް ފިރިހެނެކެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު ފިރިހެނާއަކީ ހަށިވިއްކަމުންދިޔަ އަންހެނުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ. އަދި މީގެ ތެރެއިން ތިން އަންހެނަކު ރާއްޖޭގައި އުޅެމުންދިޔައީ ވޯކް ވިސާގައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މި މަހުގެ 17 ވަނަ ދުވަހު އެކަކު ވަނީ ޑީޕޯޓްކޮށްފައެވެ. އަދި އިމިގްރޭޝަން ޑިޓެންޝަނުގައި މިވަގުތު ބާކީ ތިބި މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަންގެ ދަށުން މި މަހުގެ ކުރީކޮޅު ވެސް ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު އަތުލައިގަނެ ޑީޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.