މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ފީނުމުގެ ތަމްރީން ލިބިފައިވާ ފަޅުވެރިއެއް ބެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރު 80 ޑައިވަރުން ތަމްރީނު ކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮންމެ މަސްދޯންޏެއްގައި ތަމްރީނު ލިބިފައިވާ ރެސްކިއު ޑައިވަރެއް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށްވާއިރު، މިކަން ހާސިލުކުރުމަށް މަސްވެރިކަމާބެހޭ މިނިސްޓްރީން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު 56 ފަޅުވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
އެކްރޮސް މޯލްޑިވްސް ހަރަކާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، މިއަހަރުގެ ބަޖެޓުގައި 80 ޑައިވަރުން ތަމްރީނު ކުރުމަށް ވަނީ ހިމަނާފައެވެ. “އަޅުގަނޑު ބޭނުންވަނީ މަދުވެގެން 3 އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ މަސްވެރި ފްލީޓުގައި މަދުވެގެން އެއް ޑައިވަރެއް ބެހެއްޓުމަށް،” ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ތަމްރީނެއް ނެތި ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމެވެ. މިގޮތުން ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ ސަބަބުން ފީނުމުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ފުރާނައަށް ނުރައްކާވާފަދަ ހާދިސާތައް މަދުކުރެވޭނެއެވެ.