އިންޑިއާގެ އިސް ވަފުދެއް މިއަދު ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކޮށް، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، މަސައްކަތް އަވަސްކުރުމަށް މަޝްވަރާތަކެއް ކޮށްފިއެވެ.
މި ޒިޔާރަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިސް ސުޖާ ކޭ. މެނޮން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރ ހަސަން ވިސާލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުންވެސް މި ޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމާއި، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ވާހަކަދެކެވުނު ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްމަށް އެޅޭ ބްރިޖެކެވެ. މި 500 މިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ބްރިޖުގެ 46.58 އިންސައްތަ ވަނީ ނިމިފައެވެ.