މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއެކު ރާއްޖެ އިސްތިހާރުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ބޭއްވުނީ މުމްބާއީގެ ފޯ ސީޒަންސް ހޮޓެލްގައި ‘މޯލްޑިވިއަން ނައިޓް’ ގެ ނަމުގައެވެ.
މި ހަރަކާތުގައި އިންޑިއާގެ ފިލްމީ ދާއިރާގެ 100 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވެފައިވާކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތު ދީފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެފައިވަނީ، އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމަކަށްވާތީ، އެ ޤައުމުގެ މަޝްހޫރު ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މޯލްޑިވިއަން ނައިޓްގެ ތެރެއިން: ފޮޓޯ/އެމްއެމްޕީއާރްސީ
އިތުރަށް ޝިއުރީ ވިދާޅުވެފައިވަނީ، މި ހަރަކާތުގެ ތެރެއިން އިންޑިއާ މީހުންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން ހާމަވެގެން ދިޔަ ކަމަށާއި، ބޮލީވުޑުގެ ފަންނާނުންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު އެކި ބާވަތްތަކުގެ ތަޖުރިބާތަކުގެ މަޢުލޫމާތު މި ހަރަކާތުގެ ތެރެއިން ހިއްސާކޮށްފައިވާ ކަމަށެވެ.
“މުންބާއީގައި ބޭއްވި ‘މޯލްޑިވިއަން ނައިޓް’ އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި 2025 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ކެމްޕޭންތަކުން ވަރަށް ފާހަގަކޮށްލެވޭ ނަތީޖާތަކެއް ލިބޭނެކަމާމެދު އަޅުގަނޑުމެނަށް ޔަޤީންކަން އެބަ އޮތް” ކަމަށް ވިސިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި އިޝްތިހާރުކުރުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކޭކަން ފާހަގަކުރެވެއެވެ.

