އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލުމާ ގުޅިގެން މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 20 އެޕްލިކޭޝަން ވަނީ ބަލައިގަނެފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން މަޢުލޫމާތު ދީފައިވެއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފުރުޞަތު ލިބޭނީ ދައްކަންޖެހޭ އަދަދު 10،000 ރުފިޔާއަށްވުރެ ބޮޑުވުމާއެކު، އުޅަނދުގެ ވެރިފަރާތް ކަމުގައިވާ އަދި ކުރިން މިފަދަ ފުރުޞަތެއް ލިބިފައިނުވާ ފަރާތްތަކަށެވެ. މި ފުރުޞަތަށް އެދި ހުށަހަޅަންޖެހޭނީ ޚާއްޞަ ފޯމަކުންނެވެ.
ފައިސާ ބަހާލައިގެން ދެއްކުމަށް އެދި ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ކޮމިޓްމަންޓް ފީއެއް ކަނޑައެޅޭނެ ކަމަށާއި، މި ފީ 14 ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މުއްދަތުގައި ކޮމިޓްމަންޓް ފީ ނުދައްކައިފިނަމަ ފުރުޞަތު ގެއްލޭނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، މި އިންތިޒާމުގެ ދަށުން ފައިސާ ދެއްކުމަށް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެ ކަމަށްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފިއެވެ.

