ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށްފަހު، މިދިޔަ ޖެނުއަރީ މަހު 14 މައްސަލައެއްގައި 12 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މިކަން މިހެން ހިނގާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލެއް ވަނީ ހާމަކުރައްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ދެއްވި މައުލޫމާތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން 22 އަށް ހަ މައްސަލައެއްގައި ހަ މީހަކު ޖޫރިމަނާކުރި ކަމަށާއި، އަދި އެ މަހުގެ 15 އިން 31 އަށް 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން މަނާކޮށްފައެވެ. އަދި ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މި ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރުމާއި، އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10,000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހެއެވެ. އަދި ރާއްޖޭގައި ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
ފުލުހުން މި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޖޫރިމަނާކުރެވޭ ފަރާތްތަކަށް ފޯނު މެސެޖަކާއެކު ވާރު ޕޭގެ ޕޭމަންޓް ލިންކެއް ފޮނުވާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.