ޝަޢުބާން މަސް ދެބައި ވިޔަސް ފާއިތުވެ ދިޔަ އަހަރުގެ ގަޟާ ރޯދަ ހިފޭނެ ކަމަށް މިއަދު ޚުޠުބާގައި ބުނެފިއެވެ.
މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާގައި ހާމަކޮށްފައިވަނީ ޝަޢުބާން މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއް ކަމާއި މި މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަޝްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށެވެ.
“ވެހޭތާ ފެން ނަގާށޭ” ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރާށެވެ! ގިނަ ގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާ ނުލައި ކުރެވޭ ފާފަތަކުން މާތް ﷲ އަހަރުމެން ސަލާމަތްކުރައްވާނެ ކަމެކެވެ. މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރުމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް ހެޔޮ ޢަމަލު ކުރުންމަތީ ސާބިތުވެ ތިބުމަކީ މުހިންމު ކަމެކެވެ. ޙުޠުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ޝަޢުބާން މަސް ދެބައިވުމުން އާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރައްވާފައިވާ ކަމެވެ. އެކަމަކު އޭނާއަކީ ފާއިތުވި ރަމަޟާން މަހުގެ ރޯދައެއް ގަޟާ ކުރަން ޖެހިފައިވާ މީހަކު ނަމަ ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހެއްނަމަ ނުވަތަ އާދަކޮށް ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު ރޯދަ ހިފައި މެދުފޮއި ރޯދަ ހިފުމަށް އާދަވެފައިވާ މީހަކު ނަމަ ނުވަތަ އާދަކޮށް ދެދެވަހުން އެއް ދުވަހު ރޯދަ ހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދައެއް ހިފުން މަނާވެގެން ނުވާ ކަމަށެވެ.
ވޭތުވެދިޔަ ފަރުޟު އަހަރުގެ ފަރުޟު ރޯދައެއް ގަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ގަޟާކުރާށެވެ! ހީވާގިކަމާއެކު، ރަމަޟާން މަހަށް އިސްތިޤުބާލު ކުރާން ތައްޔާރުވާށެވެ! ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް އޮތްކަމެއް ނޫންކަން ދަންނާށެވެ! ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކާށެވެ. ދީލަތިކަން އިތުރުކުރާށެވެ! އޯގާތެރި މަޑުމައިތިރި މީހަކަށް ވާށެވެ! ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވާށެވެ! ކެތްތެރިކަން އިތުރުކުރާށެވެ! ދޮގުހެދުމާއި ފުރައްސާރަކުރުމާ ދުރުހެލިވާށެވެ! ފުރިހަމަ ގޮތުގައި ރޯދަ ހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރާށެވެ!
ޚުޠުބާގައި އިއްވަވާފައިވާ ގޮތުގައި، ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމުންގެ ޤިބުލަ އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އަދި މިއީ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުންމީދުފުޅެއްކަމަށް ވެސް ޚުޠުބާގައި ހާމަކޮށްފައިވެއެވެ. ޙުޠުބާ ނިންމަވާފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.

