ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަމަޟާން މަހާ ގުޅިގެން މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފިއެވެ. މި ބަދަލާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ.
ވެމްކޯގެ މެނޭޖަރ އިބްރާހީމް ހަނީފް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބަދަލު ގެނެވޭނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ކަމަށެވެ. މާލޭގައި މި ބަދަލު ތަންފީޒުކުރަން ފަށާނީ މާރިޗު 23 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، ހުޅުމާލެ އަދި ވިލިމާލޭގައި މި ބަދަލު ގެނެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ. އަދި ވިލިމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށެވެ.
ހަނީފް އިތުރަށް ވިދާޅުވީ، “އަޅުގަނޑުމެންގެ އިލްތިމާސަކީ ކުނި ނަގަން ފަށާ ގަޑީގެ ގަޑިއެއްހާއިރު ކުރިން ރަނގަޅަށް ކުނި ޕެކްކޮށް، ދޮރުކައިރީ ބޭރުގައި ބަހައްޓާލުމެވެ.” އޭނާ އިތުރަށް ވިދާޅުވީ ކުނި ނަގަން ފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރުމުން ވެމްކޯއަށް ޚިދުމަތް ދިނުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
ވެމްކޯއިން އާންމުންނަށް އިލްތިމާސްކުރަނީ ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށް ވަކިން ބެހެއްޓުމަށެވެ.
ވެމްކޯއިން ފާހަގަކުރާ ގޮތުގައި ކުނި ނެގުމުގެ ޚިދުމަތަށް ގެންނަ ބަދަލުތަކަށް އާންމުންގެ ފަރާތުން ރަނގަޅު އެއްބާރުލުމެއް ލިބެމުންދެއެވެ. އަދި އާންމު ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކާއި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތްދޭ ގަޑިތައްވެސް ވެމްކޯއިން އިޢުލާނުކުރާނެ ކަމަށް ބުނެފައިވެއެވެ.