ގިނަބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދަަފައިވާ ޝޯވތަކެއް ކަމުގައިވާ މޯލްޑިވިއަން އައިޑޮލް، ވޮއިސް އޮފް މޯލްޑިވްސް އަދި ބޮޑުބެރު ޗެލެންޖް އަލުން ފަށަން ނިންމާފައިވާކަން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިއުލާން ކޮށްފިއެވެ.
ރޭ ޕީއެސްއެމްގައި ބޭއްވި އެކުންފުނީގެ ކޮންޓެންޓް ލޯންޗިންގ ހަފްލާ، ‘ޕީއެސްއެމް ދެހާސް25’ އިވެންޓުގައި މި ޝޯވތައް އަލުން އިފްތިތާހުކުރެވިގެން ދިޔައިރު، ބޮޑެތި މީހުންނަށް ހާއްސަކޮށް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ޓީވީއެމްއިން ގެނެސްދިން ލަވަ މުބާރާތް، ވޮއިސް އޮފް މޯލްޑިވްސްއިން މަޝްހޫރު ގިނަ ލަަވަކިޔުންތެރިތަކެއް އުފެދިގެން ދިޔައެވެ. އެގޮތުން، ރޭ ބޭއްވުނު ހަފްލާގައި ލަވަ ހުށަހަޅާދިން ހަސަން ތޮލާގަކީ 2011 ވަނަ އަހަރުގެ ވޮއިސް އޮފް މޯލްޑިވްސް ކާމިޔާބުކުރި ހުނަރުވެރި ފަންނާނުކަން ފާހަގަކޮށްލެވެއެވެ.
2011 ވަނަ އަހަރަުގެ ސީޒަން 2 އަށް ފަހު ވޮއިސް އޮފް މޯލްޑިވްސް މުބާރާތް ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތުމަށްފަހު، 2016 އަދި 2017 ވަނަ އަހަރު ގެނެސްދިނީ ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑޮލްއެވެ. މިއީވެސް ހުނަރުވެރި އެތައް ފަންނާނުންނެއް އުފެދިގެން އައި، އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުނު ޝޯވއެކެވެ.
މި ޝޯވތަކުގެ އިތުރުން، “ތަމްސީލް”، “ލެންސް” އަދި “މާސްޓަރ ޗެފް މޯލްޑިވްސް” ވެސް މި އިވެންޓުގައި އިފްތިތާހުކޮށްފައިވާއިރު، މިއީ ބަދަލުކުރަނިވި އީޖާދުތަކާއި ދިމާލަށް އެޅޭ ފިޔަވަޅެއްކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވަނީ ވިދާޅުވެފައެވެ.
މި ޝޯވތައް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނުކޮށްފައިނުވާއިރު، ރޭގެ ހަފްލާގައި މި ޝޯވތައް އިފްތިތާހުކޮށްދެއްވީ ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އެމްޑީއިންކަން ފާހަގަކޮށްލެވެއެވެ.