ކައިވެނީގެ ރަނަށް ކަނޑައެޅުނު 85,000 ރުފިޔާ ނުދެއްކުމުގެ މައްސަލައިގައި، އެ ފައިސާ ކުރިއަށް އޮތް 10 މަހުގެ ތެރޭގައި ދެއްކުމަށް ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ.
ފެމިލީ ކޯޓުގެ އިސްޤާޟީ އިބްރާހިމް މާހިރު މިދިޔަ މަހުގެ ފަހުކޮޅު ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ، ކޮންމެ މަހަކު 8,500 ރުފިޔާގެ މަގުން ޖުމުލަ އަދަދު ދައްކާ ޚަލާސްކުރުމަށެވެ. މި ހުކުމަށް ފިރިހެން މީހާވަނީ އެއްބަސްވެފައެވެ.
މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، މިހާރުވެސް ފަރުވާ ހޯދަމުންދާ ފަރާތެއްކަން ފާހަގަކުރެވެއެވެ. އަދި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ވެސް އެއްވެސް ޚަރަދެއް ނުކުރާކަން ކޯޓަށް ހުށަހެޅުނު މަޢުލޫމާތުން އެނގެއެވެ.
މިފަދަ މައްސަލަތަކުގައި ކޯޓުން އާންމުކޮށް ބައްލަވަނީ ދެފަރާތުގެ ހާލަތަށާއި، ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރި މިންވަރަށެވެ. މި މައްސަލައިގައި ފިރިހެން މީހާގެ ހާލަތަށް ރިޢާޔަތްކޮށް، ފައިސާ ދެއްކުމަށް ފަސޭހަވާނެ ގޮތަކަށް މުއްދަތު ދިގުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
ކައިވެނީގެ ރަނަކީ އަންހެނުންގެ ޙައްޤެއްގެ ގޮތުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އެއްޗެއް ކަމަށްވެފައި، އެ ޙައްޤު ހޯދުމަށް ކޯޓަށް ހުށަހެޅުމަކީ ޤާނޫނީ ގޮތުން ލިބިދީފައިވާ ޙައްޤެކެވެ.