ފިޔޯރީ ކައުންސިލުން ވަނީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ދެވޭ ރޯދަ އިނާޔަތެއްގެ ގޮތުގައި މާޗް މަހުގެ ކުނި ފީ މަޢާފުކުރުމަށް ނިންމައިފައެވެ.
މިއީ ކައުންސިލްގެ 2025 ވަނަ އަހަރުގެ 7 ވަނަ ޖަލްސާއިން ނިންމި ނިންމުމެކެވެ.
މި ނިންމުމުގެ ދަށުން، ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވާ ގޭބިސީތަކަށް މާޗް މަހު ކުނި ނެގުމުގެ ޚިދުމަތް ލިބިގެންދާނީ އެއްވެސް އަގަކާ ނުލައެވެ. ނަމަވެސް މި އިނާޔަތް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ނުލިބޭނެކަން ކައުންސިލުން ވަނީ ސާފުކޮށްދީފައެވެ.
“މިއީ ރައްޔިތުންނަށް ދެވޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކައުންސިލުން ނިންމި ނިންމުމެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް،” މިހެން ވިދާޅުވަމުން ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ފާހަގަކުރެއްވިއެވެ.
ކައުންސިލުން މި ނިންމި ނިންމުމަކީ ރަށުގެ ގިނަ ރައްޔިތުން މަރުޙަބާ ކިޔާފައިވާ ނިންމުމެކެވެ. އެހެންނަމަވެސް، މި އިނާޔަތް ލިބޭނީ ހަމައެކަނި ކުނީގެ ޚިދުމަތަށް ރަޖިސްޓްރީވެފައިވާ ގޭބިސީތަކަށް އެކަނިކަން ފާހަގަކުރެވެއެވެ.
މި ނިންމުމަކީ ރަމަޟާން މަހުގެ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.