ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގެ މައްސަލައިގައި އެންމެ ފަހުން ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ މާރޗް މަހުގެ ހަތަރު ވަނަ ދުވަހު ކުއްލި އަރަބި ސަމިޓެއް ބާއްވާނެކަމުގައި މިސްރުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިސްރުގެ ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކުއްލި ސަމިޓުގައި ފަލަސްތީން އާރާސްތުކުރުމުގެ ޕްލޭނެއް ހުށަހެޅުމަށް މިސްރުން އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން، ބުދަ ދުވަހު މިސްރުގެ އަލް އަހުރާމް ނޫހުން އެގައުމުގެ ބޮޑުވަޒީރު މުސްތަފާ މަޑްބޫލީ އާއި ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި، ތިން އަހަރުގެ ތެރޭގައި ޣައްޒާ އަލުން ބިނާކުރުމުގެ ތަޖުރިބާއާއި ގާބިލްކަން މިސްރުގައި އެބަހުރިކަމަށެވެ.
“ޓެކްނިކަލް އަދި އިންޖިނިއަރިންގެ ނަޒަރަކުން ބަލާއިރު، ތިން އަހަރު ތެރޭގައި ޣައްޒާ ފަނާވުމުގެ ކުރިން އޮތް ހާލަތަށް ވުރެ ވެސް ރަނގަޅު ހާލަތަކަށް ގެނައުމުގެ ފުރިހަމަ ގާބިލްކަން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި،” މަޑްބޫލީ ވިދާޅުވި އެވެ.
މިސްރުން މި ކުއްލި އަރަބި ސަމިޓު ބާއްވާ އެންމެ ބޮޑު ސަބަބަކީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެ، އެހެން ތަނަކަށް ބަދަލުކުރުމަށް އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުން ގޮވާލުމާއި ގުޅިގެންނެވެ.
ބިންކޮޅެއްގެ ދަހިވެތިކަމުގައި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ސަތޭކަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

