ދ. ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، އެމަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެއްގައި، ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ތިމާވެއްޓާ ރައްޓެހި އަދި ވަށާޖެހޭ ގޮތަކަށް ކުނި މެނޭޖުކުރުމުގެ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ ޙަވާލުކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ވެމްކޯއިން މިހާރު ވަނީ ރާއްޖޭގެ ސިޓީތަކުގެ އިތުރުން ލ.ފޮނަދޫ، ކ. މާފުށި އަދި ކ. ހިންމަފުށީގައިވެސް ކުނި މެނޭޖްކުރުމުގެ ޙިދުމަތް ފަށާފައެވެ. އަދި ދާދިފަހުން ހއ.ދިއްދޫގައިވެސް ވެމްކޯގެ ޚިދުމަތް ފެށިފައިވާއިރު، އިތުރު ރަށްރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުދެލީގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ސަބަބުން، އެރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ބެލެވެއެވެ.