ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ އިހަވަންދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ޑައިލިސިސްގެ ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތް ދެވޭ މަރުކަޒުތައް އިތުރުކުރެއްވުމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަން ވެސް ފާހަގަކުރެއްވިއެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފެށުން: ފޮޓޯ: ރައީސް އޮފީސް
ރަސްމިއްޔާތަށްފަހު މެޑަމް ސާޖިދާ ވަނީ އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، ޑައިލިސިސްގެ ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތަކާއި އެތަނުގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. ޚިދުމަތް ފެށުމާއެކު އެއް ބޭފުޅަކު ވަނީ މިއަދު ޑައިލިސިސްގެ ޚިދުމަތް ހޯއްދަވާފައެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ 6 މީހުން ދިރިއުޅޭއިރު، މި ޚިދުމަތް ފެށިގެން ދިޔައީ ސިއްޙީ މަރުކަޒުގެ ނަރުހުންގެ އެހީތެރިކަމާއެކުގައެވެ. އަދި މިއަދު އެ މަރުކަޒުގައި ވަނީ ފިޒީޝަނެއްގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފެށުން: ފޮޓޯ: ރައީސް އޮފީސް
24 ގަޑިއިރު ޚިދުމަތް ދެމުންގެންދާ އެ ސިއްހީ މަރުކަޒުގައި މި ޚިދުމަތް ފެށިގެން ގޮސްފައިވަނީ ތިން އެނދު ހިމެނޭ ޔުނިޓަކާ އެކުގައެވެ. މިއީ ރައީސް މުއިއްޒު ޖެނުއަރީ 29 ވަނަ ދުވަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދަވައިދެއްވުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ ރައީސްގެ އިރުޝާދުގެ ދަށުން އިތުރު ނުވަ ސިއްހީ މަރުކަޒެއްގައި މި އަހަރު ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ. “ބައެއް ތަންތަން ރަސްމީކޮށް އިފްތިތާހް ނުކުރެވުނު ނަމަވެސް، ޚިދުމަތް ފެށިގެން އެބަ ކުރިއަށްދޭ. ގއ. ގައި ކުރިއަށް އެބަދޭ. ބައެއް ރަށްރަށުގައި އިތުރު އެނދުތައް ލެވިގެން ކުރިއަށް އެބަދޭ” ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފެށުން: ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލް އިމާރާތް އެޅެންދެން، ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ގެނައުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އަދި “އިރާދަކުރެވިއްޔާ ރަމަޟާން މަސް އަންނަން ވާއިރަށް، މާނައަކީ ފެބްރުއަރީ މަސް ނިމެންވާއިރަށް ޑައިލިސިސް ޚިދުމަތް ގާއިމްކުރެވިގެން ދާނެ” ކަމަށް ވެސް ވިދާޅުވެފައިވެއެވެ.