ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް 3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ޑިންގީއެއް ގެއްލިއްޖެއެވެ.
މި ޑީންގީއަކީ ކަރާ ބަރުކޮށްގެން ފުރި ޑިންގީއެކެވެ. އަދި މި ޑިންގީ ހޯދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް ކޯސްޓް ގާޑުން ދަނީ ކުރަމުންނެވެ.
މިއަދު މެންދުރުފަހު 2:15 ހާއިރު ފުރި ޑިންގީގައި ތިބީ މާވެލަސް/ގދ.ފިޔޯރީ މުހައްމަދު ދީދީ (ކުދުބެ)، ކަނދޮޅު/ގދ.ފިޔޯރީ ޝާކިރު އިބްރާހީމް އަދި ބިދޭސީއެއް ކަމަށްވާ ސުހައިލްއެވެ.
މި ޑިންގީއަކީ 15 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް އަޅާފައިވާ 21 ފޫޓު ދިގު، ނޫކުލައިގެ ޑިންގީއެކެވެ.
ޑިންގީއާ އެންމެ ފަހުން ގުޅުނީ ހަވީރު 4:00 ގައެވެ. އެވަގުތު ޑިންގީ އޮތީ ކޮނެއްޓާ ކައިރީގައި ކަމަށް ޝާކިރު އިބްރާހީމް ވަނީ މަޢުލޫމާތު ދީފައެވެ. އޭގެ ފަހުން މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ. ފިޔޯރީއަށް މެދުނުކެނޑި ބޯ ވިއްސާރަ ކުރަމުންދާތާ ވެސް އެތައް އިރެއް ވެއްޖެއެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި، ޑިންގީ ގެއްލުނު މައްސަލަ ހަވީރު 6:12 ގައި ވަނީ ކޯސްޓްގާޑަށް އަންގާފައެވެ.
ކޯސްޓްގާޑުން މިހާރު ދަނީ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އުއްމީދަކީ ﷲގެ އިރާދަފުޅާއެކު ތިން މީހުން ވެސް ސަލާމަތްތެރިކަމާއެކު ހެޔޮ ހާލުގައި ފެނުމެވެ.